ޒުވާން ޚަތިބު ހާއިމް އާ އެކު ތުޅާދޫމަލަ

ޒުވާން ޚަތިބު ހާއިމް އާ އެކު ތުޅާދޫމަލަ މަރުޙާބާ އަލްޚަޠީބު ހާއިމް އަޙްމަދު ހާޝިމް

އޮގަސްޓް 24, 2025 - 13:35
އޮގަސްޓް 26, 2025 - 06:11
 0

ތުޅާދޫ މަލައިގެ މީހުން ކޮލަމަށް މަރުޙަބާއެވެ. މިމަލައިގެ މީހުން ކޮލަމަކީ ތުޅާދޫގައި ތިއްބެވި ޚިދުމަތްތެރިންނަށް ޚާއްޞަ ކުރެވިފައިވާ ކޮލަމެކެވެ. އެގޮތިުން މިކޮލަމަށް އައުމުގެ ނަޞީބު ލިބިގެން ދަޏީ ކޮންމެވެސް ސިފައެއްގައި ޚިދުމަތް ކުރަމުން އައިސްފައިވާ ފަރާތްތަކަށެވެ. އެފަދަ ބޭފުޅުން މިމަލައިން ބަލައިގަނެ ، މި މަލައިން މި ކޮލަމަށް ދަޢުވަތު ދެއްވުމުން އެކަން ޤަބޫލު ކުރައްވައި އަޅުގަޑުމެން މިކުރަމުންދާ މަސައްކަތްތަކަށް އެއްބާރު ލެއްވުން ދެއްވައި މި މަލައިން ނިހާޔަތަށް ސުކުރު ދަންނަވައި ޙާލު ، ތުޅާދޫގެ ތާރީޚަށް ޓަކައި މިމަލައިން މިކުރާ މަސައްކަތުގައި ﷲ ބަރަކާތް ލެއްވުންއެދި ދުޢާ ދަންނަވަމުން މިފަހަރުގެ މެހެމާން އާއެކު ވަގުތު ކޮޅެއް ހޭދަކޮށްލާނަމެވެ. 

މިފަހަރުގެ މެހެމާން އަކީ ތޯއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އިސްނަންގަވައިގެން ޒުވާން ކަޠީބުން ތަޢާރަފް ކުރަން ފެށޫމުގެ ނަތީޖާ އެއްގެ ގޮތުން މިއަދު މިމަލައިގެ މެހެމާން އާ ބައްދަލުވެލުމުގެ ސައުޤު ވެރިކަން އުފެދުނީއެވެ. 

އަޅުގަދާއި އެކު މެހެމާން އާއި ބައްދަލު ކޮށް ލުމަށްޓަކައި މި ފިޔަވަޅުން ތަންކޮޅެއް ފަހަތަށް ޖެހިލުން ކީއްތޯއެވެ. ބ. ތުޅާދޫ  ގުލާބީގޭ ދޮންމުޙައްމަދުގެ ތިން ފިރިހެން ބޭފުޅުންނަކީ ވެސްަ މި ތުލާދޫގައި ހުކުރު ކުރައްވައި އުޅުއްވި ތިން ބޭކަލުންނެވެ. އެންމެ ދޮށީ ބޭފުޅާ އަކީ މިރަށު ދިލާސާގޭ އިސްމާޢީލު މުޙައްމަދު ދޮން އިސްމާޢީލު ކަލޭފާނެވެ. އެއީ ރަސުގެ ބޮޑު ކަޠީބެވެ. ދެން ރަށުގެ ހުކުރު މާމުލި މުދިމް އަލްއިމާމް އިދްރީސް މުޙައްމަދުއެވެ. އެއީ ތުޅާދޫ ގެ ތާރީޚުގައި މަޝްހޫރު މުދިމް ކަލޭގެއެވެ. ހުކުރު މިސްކިތް ކަމުގައިވާ މަސްޖިދުލް ރަޙްމާން ގެ އިމާމެވެ. ތިންވަނަ ބޭފުޅަކީ ބ.ތުޅާދޫ ހިރިޔާ ޢަލީ މުޙައްމަދެވެ. އެއީ އޭރުގެ ކުޑަ ކަތީބެވެ. މި ތިން ބެއިންނަށް ފަހު ވެސް މި ތުޅާދޫން އެފަދަ ތިންބެއިން ފެނިފައިވެއެވެ. އެއި މަސްޖިދުރަޙްމާނުގެ ކުރީގެ އިމާމް ތުޅާދޫ ކުރީގެ ކަތީބު ޙުސައިން ޢަފީފު އާއި އޭނާގެ ދެ ކޮއްކޯފުޅު ޢުމަރު ޢަލީ ޢުމަރު ކަތީބު އާއި ޢުޘްމާން ޢަލީ ކުރީގެ ބޮޑު ކަތީބެވެ. އަޅުގަޑު މި ހަ ބޭކަލުންގެ ހަނދާން އައު ކުރާ ޙާލު ކީރިތި ﷲ އެބޭބޭކަލުނަށް ފާފަ ފުއްސަވައި ދެއްވުން އެދި ދުޢާ ކުރަމުން މި ފަހަރު މިމަލައިގެ ޙާއްޞަ މެހެމާނަކަށް މިރަށު ގުލާބީގޭ ދޮން މުޙައްމަދުގެ މުދިމު އިދްރީސްގެ އަބޫބަކުރުގެ ޚަދީޖާގެ ފާޠިމާގެ ޒީނާ ޢަބްދުއްރަޙީމް އާއި ދުއްލިސާގޭ އަޙްމަދު ހާޝިމު ކާވެނި ބައްލަވައިގެން ލިބިފައިވާ ހަމައެކަނި ދަރިފުޅު ހާއިމަކީ ވަރަށް ކިޔަމަންތެރި އަޚުލާޤު ރަގަޅު ކުއްޖެކެވެ. އިސްނެގުމަކީ އޭނާގެ މިތުރެއްކަމަށް ވިދާޅު ވަމުން ތުޅާދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް ރަީދުވިދާޅުވެއެވެ. 

އުފާވެރި ޤައުމީ ދހުވަހުގެ ހެޔޮ އެދުންތައް ހާއިމު އަށާއި ޢާއިލާ އަށް ރައްދު ކުރާ ޙާލު ޚުޠުބާ ކިޔުމަށް ސައުޤު އުފެދުނީ ކިހިނަކުންތޯ އަހާލަމެވެ. 25 މާރޗު 2007 ގައި އުފަންވި ހާއިމު ޘާނަވީ ތަޢުލީމު ޙާޞިލު ކުރީ ތުޅާދޫ ސްކޫލުންނެވެ. މަތީ ޘާނަވީ ތަޢުލީމު ޙާޞިލު ކުރަމުން ދަނީ މާލޭގެ ސީއެޗް އެސް އީ ގައެވެ. ކުރިން ކުރަން އުޅުނު ސުވާލު ފަހަށް ޖައްސާލަމުން އަހާލީ ކުރިމަގު ގައި ކުރިއަށްދާން ބޭނުންވާ ދާއިރާ އަކީ ކޮބާތޯއެވެ. ދިވވެހި އަސްކަރިއްޔާ އާ ގުޅުންހުރި ދާއިރާ އަކުން މަތީ ތަޢުލީމު ޙާޞިލު ކޮށްގެން އެންމެ ފަހު ވިންދާ ޖެހެންދެން ދިވެހި އަސްކަރިއްޔާއަށް ޚިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމަށެވެ. 

ޚުޠުބާ ދެއްވުމަށް ސައުޤުވެރި ވީ ގޮތް ކިޔާދެމުން އެނާ ބުނީ
 
އެންމެ ފުރަތަމަ ޚުތުބާއެއް ކިޔާލީ ގުރޭޑް 9ގައި ކިޔަވަމުން ދިޔައިރު ދިވެހި ގަޑީގައި ފިލާވަޅެއްގެ ގޮތުގައި. އެ ހުށައެޅުމުންވެސް މުދައްރިސް ވަރަށް ފާހަގަކުރި ޚުތުބާ ކިޔުމުގެ ހުނަރު ހުރިކަމަށް. އޭގެ ފަހުން ހަމަ އެހަރު ސްކޫލްގެ އިސްލާމިކް ފޯރަމުން އިސްނައިގެން ކުރިއަށް ގެންދިޔަ ހުނަރު ޕްރޮގްރާމްގައި ޚުތުބާ ކިޔުމުގެ ބައިގައި އަޅުގަނޑު ބައިވެރިވީ. އެފަހަރު މާތްރަސްކަލާނގެ އިރާދަފުޅާއެކު ޚުތުބާ ކިޔުމުގެ ބައިން އެންމެ މޮޅު 5 ބައިވެރިންގެ ތެރޭގައި އަޅުގަނޑު ހިމެނުނު. އެ ހުށައެޅުމުންވެސް ވަރަށް ގިނަ މީހުންނަށް އަޅުގަނޑުގެ ޚުތުބާ ކިޔުން ވަރަށް ކަމުދިޔަކަން މީހުންގެ ކޮމެންޓްތަކުން ފާހަގަވި. އެހިސާބުން އަސްލު އަޅުގަނޑު ޝައުޤުވެރިކަން އުފެދުނީ. އަޅުގަނޑަކީ ޤުރުއާން ކިޔެވުމުގެ ހުނަރުވެސް ހުންނަ ކުއްޖަކަށްވީމައި މަންމައާ ބައްޕަވެސް ވަރަށް ބޭނުންވި އަޅުގަނޑު މިދާއިރާއިން ކުރިއަށްދާން. އެހެން އުޅެނިކޮށް 2024 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ " ޒުވާން ޚަތީބުން " ތަމްރީނުކުރުމުގެ ޕްރޮގުރާމެއް އިއުލާނުކޮށްފައި އޮއްވައި މަންމައަށް ފެނިގެން މަންމަ އަޅުގަނޑަށް އެ ޕްރޮގުރާމްގައި ބައިވެރިވުމުގެ މަގު ފަހިކޮށްދިނީ. ﷲގެ ރަޙްމަތާއެކު އެ ޕްރޮގްރާމްގައި ކުދިން ހޮވުމަށް ބޭއްވި ޓެސްޓްތަކުގައި ބައިވެރިވެ އަޅުގަނޑު ފާސްވެ އެހުއްދަ އަޅުގަނޑަށް ލިބުނީ. އެހިސާބުން އަޅުގަނޑު ޚުތުބާ ކިޔަން ފަށައި ރަށުގެން ކުދި ބޮޑު ވަރަށް ގިނަ ބައެއްގެ "ޕޮޒިޓިވް" ކޮމެންޓްސް ލިބުނު. އަދި ވަރަށް ގިނަ ބައެއްގެ އިޙުތިރާމް ލޯބި އަޅުގަނޑަށް ލިބުނު. ހާއިމު ހިތްހަމަ ޖެހުމާއި އެކު ބުންޏެވެ. 

ކިޔަވާ ނިންމައިގެން ޚިދުމަތްކުރާނެ ދާއިރާ:  
މަތީ ޘާނަވީ ނިންމާލުމަށްފަހު އަޅުގަނޑު ބޭނުންވަނީ ދިވެހިރާއްޖޭގެ އަސްކަރިއްޔާ ގުޅުންހުރި ކޮންމެވެސް ދާއިރާއަކުން މަތީ ތަޢުލީމު ހާސިލްކޮށް ދިވެހިރާއްޖޭގެ އަސްކަރިއްޔާއާ ގުޅެން. އަދި ދިވެހި ޤައުމާ ދޭތެރޭ އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ލޯތްބެއްގެ ބޮޑުކަމުން އަބަދުވެސް ބޭނުންވަނީ ދިވެހި ޤައުމުގެ ދިފާޢުގައި ވަރަށް ސާބިތިކަމާއެކު ދެމިހުންނަން. ޤައުމަށް ފައިދާހުރި ދާއިރާއަކުން ޤައުމަށް ޚިދުމަތްކުރުމަކީ އަޅުގަނޑު އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް. ކަމަށް މިމަލަ އަށް ހާމަކޮށްލިއެވެ.

ތުޅާދޫ ސްކޫލްގައި ކިޔެވި ދުވަސްވަރު އެންމެ ހާސިލްކުރަން ބޭނުންވި ކަންކަން ހާސިލްވި މިންވަރު: 
އަބަދުވެސް ހިތަށްއަރާ ސްކޫލް ނިންމާލާނީ ކޮންމެވެސް އިސް މަޤާމެއްގައި ހުރެއޭ. އަލްޙަމްދުﷲ. އެކަން ވަރަށް  ފުރިހަމައަށް ހާސިލްވި. އަޅުގަނޑު އެންމެ ބޭނުންވި އެންމެ ބޭނުންވި މަޤާމް އަޅުގަނޑަށް ލިބުނު. "އިސްލާމިކް ފޯރަމްގެ ރައީސް"ގެ މަޤާމް. މީގެ އިތުރުންވެސް އަޅުގަނޑުގެ ހިތުގައި އަބަދުވެސް އޮވޭ އޯލެވެލްގެ ޓޮޕް ޓެންގައި އަޅުގަނޑުވެސް ވާދަކުރާނަމޭ. ނަމަވެސް ކަން ދިމާކުރިގޮތުން އެ ނަސީބު އަޅުގަނޑަކަށް ނުލިބުނު. ދެން ހަމައެގޮތުން އެކި ފެމްވަރުގެ ޤުރުއާން މުބާރާތްތަކުގައިވެސް ބައިވެރިވެ، ތަފާތު ކާމިޔާބީތައް ހާސިލްކުރުމުގެވެސް އުއްމީދުގައި އަޅުގަނޑު މަސައްކަތްކުރީ. އިންޝާﷲ އެކި ފެންވަރުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ތަމްސީލުކުރާތަން އަދިވެސް ފެންނާނެ. އެންމެ ރަނގަޅު ނަތީޖައެއް ނުނެރެވުނު ކަމުގައި ވިޔަސް، ސްކޫލްގެ މުދައްރިސުން ލޯބިވާ، ރަށުގެ ރައްޔިތުން ބަލައިގަންނަ އެމީހުންގެ ލޯތްބާ އިހްތިރާމް ލިބޭ ކުއްޖެއްގެ ގޮތުގައި ޘާނަވީ މަރުހަލާ ނިންމާލެވުމަކީ އަޅުގަނޑު ވަރަށް ފަޚުރުވެރިވާ ކަމެއްކަމަށެވެ. 

ތުޅާދޫ ސްކޫލުގެ ޕްރިންސިޕަލް އެނާއާއި މެދު ވިދާޅުވީ " ހާއިމް އަހުމަދު ހާޝިމަކީ އަހުލާގު ރަނގަޅު އެހެންމީހުންނަށް އެހީތެރިވެދޭ ކުރާ ކަންކަން ވަރަށް ގަޔާވެގެން އެކަންކަމާ ވަރަށް ވެގެން ކުރާ ދަރިވަރެއް. އިސްނެގުމުގެ ސިފައަކީ މި ދަރިވަރުގެ ވަރަށް ގާތް މިތުރެއް." ކަމަށެވެ. 

އޭނާގެ މަންމައާއި ބައްޕަ މަލައަށް ހާމަކުރެއްވި ގޮތުގައި " ހާއިމްއަކި ވަރަށް ބަސްއަހާ ދީނަށް ލޯބިކުރާ ވަރަށް ހުނަރުވެރި ކުއްޖެއް. 
އުއްމިދަކީ އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ ގައުމަށް ވަފާތެރި މުޖުތަމާއު ބަލައިގަންނަ ދަރިއެއްގެ ގޮތުގައި ދެމިހިރުން. 
މަންމަޔާ ބައްޕަ ހާއިމް ދެކެ ވަރަށް ލޯބިވޭ. " 

ތުޅާދޫމަލައިން އުއްމީދު ކުރަނީ  އޭނާގެ މައިންބަފައިން ގެ އުއްމީދުތައް ފުރިހަމަ ކުރުމުގައި އަބަދުވެސް ހާއިމު ޘާބިތު ވާނޭކަމަށެވެ. 

މަންމާ އާއި ބައްޕަގެ ދޮށީ ދަރިފުޅުވީމާ ކުރެވޭ އިހުސާސްތައް: 
އަޅުގަނޑަކީ މަންމަޔާ ބައްޕަގެ ހުރި ހަމައެކަނި ދަރި. އަލްޙަމްދުﷲ. ވަރަށް އުފާވޭ އެހެންވީމާ. ނަމަވެސް ވަރަށް އުއްމީދުކުރަން އަޅުގަނޑަށް ދޮންބޭ އޭ ކިޔާ ގޮވާލާނެ ކޮއްކޮއެއް އައިލާއަށް އިތުރުވާނެ ދުވަހަކަށް. އިންޝާﷲ. އަދި އެދުވަސްވެސް ދައްކަވާނެ. އުއްމިދާއި އެކު ބުނެލިއެވެ. 

ބައްޕައަކީ ލަވަ ވިދާޅުވުމުގައި ތުޅާދޫގައި މަޤްބޫލު ބޭފުޅެއް. ހާއިމް އެ ދާއިރާއިން ފެނިދާނެތޯ؟ ނޫނީ ކިޔަވައިދިނުމުގެ ދާއިރާއިން ފެނިދާނެތޯ؟ 
ލަވަ ކިޔުމުގެ ހުނަރަކީ އަޅުގަނޑުވެސް ކޮންމެވެސް ވަރަކަށް ހުންނަ ހުނަރެއް. އެ ވެދާނެ ބައްޕަގެ ފަރާތުން ލިބިފައި ހުރި ހުނަރެއްކަމަށް. އަޅުގަނޑުވެސް ކުޑަކޮށް ޝައުޤުވެރިކަން ހުރޭ ލަވަ ކިޔުމަށް. އެހެންނަމަވެސް ލަވަ ކިޔުމުގެ ދާއިރާއިން އަޅުގަނޑު ފެނުމަކީ ވަރަށް ނާދިރު ކަމެއް. ބައެއް ހާއްސަ ދުވަސްތަކާ ކަންތައްތަކާ ގުޅިގެން ލަވައެއް ކިޔާލާތަން ފެނިދާނެ. މަދަހަ ކިޔުމަކީ ވަރަށް ކުރާހިތްވާ ކަމެއް. އެހެންވީމާ މުސްތަޤްބަލްގައި މަދަހަ ކިޔާތަން ފެނިދާނެ. 
ކިޔަވައިދިނުމުގެ ދާއިރާއަކީ އަޅުގަނޑު އެހާ ޝައުޤުވެރިކަން ހުރި ދާއިރައެއް ނޫން. އެހެންވީމާ ސީދާ އެ ދާއިރާއިން އަޅުގަނޑު ނުފެނިދާނެ. ކިޔަވައިދިނުމުގެ ދާއިރާއިން ނުފެނުނު ކަމުގައިވީނަމަވެސް އަލުގަނޑަށް ލިބިފައިހުރި އިލްމެއްގެ ބޭނުން ހިފައިގެން އެހެން ފަރާތްތަކަށް އެ ޢިލްމް އުނގަންނައިދެވޭތޯ ވަރަށް މަސައްކަތް ކުރާންނަން. މީގެ އިތުރުންވެސް ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދިނުން ކަންކަން ކުރާތަން ފެނިދާނެ. 

ހޭލާ ހުންނައިރު މިވެނި ކަމެއް ވާނެ ނަމައޭ ހިތަށް އަރާ ކަންކަން: 
ހޭލާ ހުންނައިރު އަބަދުވެސް ހިތަށް އަރާ މަންމަ އަބަދުވެސް އަޅުގަނޑުގެ ގާތުގައި ހުންނާނެ ނަމައޭ. މަލޭގައި މިހާރު މިހުންނަނީ ކިޔަވަން މަންމަޔާ ބައްޕަޔާ ދެ މީހުންނާ ދުރުގައި. ވަރަށް ހަނދާންވޭ މަންމަ އަދި ބައްޕަ މަތިންވެސް. ވަރަށް "މިސްވޭ". 

ސްކޫލްގައި އެންމެ ހަނދާނުން ފިލުވާލަން އުނދަގޫވި ހާދިސާ: 
ގުރޭޑް 9ގެ އަހަރު "ޑިސިޕްލީން އެވާރޑް" އަޅުގަނޑަށް ލިބުނު. އަޅުގަނޑު ވަރަށް އުންމީދުކުރި އެވާރޑެއް އެއީ. އެހެންވެ ގުރޭޑް 10ގެ އަހަރުވެސް އަޅުގަނޑު ވަރަށް ޔަޤީންކަމާއެކު އުންމީދުކުރިން އެ އެވާރޑް ލިބޭނެކަމަށް. ނަމަވެސް އަޅުގަނޑަކަށް އެ ނަސީބެއް ނުލިބުނު. ވަރަށް ވަރަށް އަސަރުކުރި އެދުވަހު. ދެން ހަމައެގޮތަށް ސްކޫލްގެ އެންމެ ފަހު އަހަރު އިސްލާމިކް ފޯރަމްގެ ރައީސަކަށްވެސް ހުރި އަހަރު އިސްލާމިކް ފޯރަމުން އިސްނަގައިގެން ކުރިއަށް ގެންދިޔަ އޯޕަން ޤުރުއާން މުބާރާތުގައި ބައިވެރި ނުވެވުނު ދުވަސް. އެދުވަހު މަންމަވެސް އަދި އަޅުގަނޑުވެސް ހަނދާންވީ ބައިވެރިވާން ފޯމް ހުށައަޅަން އޮތް ވަގުތު ހަމަވީ ފަހުން. ދެން ކުރާނެ ކަމެއް ނެތްތާ. 
އެ ދެ ދުވަސް މަތިން ހަނދާންވީމާ މިހާރުވެސް ލޮލުން ކަރުނަ ފޭދޭ. 
މީގެއިތުރުންވެސް ގުރޭޑް 10 ނިންމައި ބޭއްވި ގުރޭޖުއޭޝަން ހަފްލާ ފާހަގަކޮށްލާނަން. އެންމެ ލޯބިވާ ސްކޫލް. އެންމެ ލޯބިވާ މުދައްރިސުން. އަދި 10 އަހަރު އެކުގައި އުޅުނު އެކުވެރިން ދޫކޮށް ދާންޖެހުމުން ހިތަށް އެކުރި އަސަރު. އަދިވެސް 2023 ވަނަ އަހަރު ޤައުމީ ކެޑޭޓް ކޭމްޕްގައި ބައިވެރިވާން ފުރުސަތު ލިބުނުކަން އެނގުނު ދުވަހަކީވެސް ވަރަށް އުފާވެރި އިހުސާސްތަކެއް ހިތަށް ގެނުވި ދުވަހެއް. އަދިވެސް ޕްރިފެކްޓް ކަމުގެ މަޤާމުތަކާއި އިސްލާމިކް ފޯރަމްގެ ރައީސް ކަމުގެ މަޤާމް ލިބި، މަޤާމްގެ މަސްއޫލިއްޔަތުގައި ސޮއި ކުރި ދުވަހަކީ އެ ރަސްމިއްޔާތަކީ ހަނދާނުން ފުހެލަން އުނދަގޫ އުފާވެރިކަމެއް ހިތަށް ގެނުވި ދުވަހެއް. މިނޫނަސް ދެން ހުންނާނެ އެކި ކަހަލަ އުފާވެރި އަދި ހިތް ނުތަނަވަސް ވާ ކަހަލަ ކަންތައްތަކާ ދިމާވެފަ. ދެން އެއީ ދުނިޔޭގެ އާދަތާ. ކޮންމެ ކަމަކަށްވެސް އޮންނާނީ ކެތްތެރިވުންތާ. 

އެންމެ ބޭނުންވެގެން އަދި ހާސިލް ނުވެ ހުރި ކަންކަން: 
ތަޢުލީމީ ދައުރުގައި އެންމެ ބޭނުންވެގެން އަދި ހާސިލްނުވެ އޮތް އެއް ކަމަކީ ނެޝަނަލް ޓޮޕް ޓެން ގައި ހިމެނުން. ނަސީބު ދިމާކުރިގޮތުން އޯލެވެލްގެ ނަތީޖާގައި އަޅުގަނޑަކަށް އެ ހިސާބަކަށް ވާސިލެއް ނުވެވުނު. ނަމަވެސް އޭލެވެލް އަޅުގަނޑު މި ފެށީ އައު ހިތްވަރަކާ އައު އަޒުމާކާއެކު. އިރާދަކުރެއްވިއްޔާ އޭލެވެސް ނިންމާލާނީ ﷲގެ ރަޙްމަތާއެކު ޓޮޕް ޓެން ގައި ހިމެނިގެން. އިންޝާﷲ. 
ދެން ހަމަ އެގޮތަށް ވަރަށް ގިނަ ކަންތައްތައް އެބަހުރި. އަޅުގަނޑަކީ ވަރަށް ދަތުރުކުރާ ހިތްވާ ކުއްޖެއް. އެގޮތުން އަޅުގަނޑު ވަރަށް ބޭނުންވޭ ދުނިޔޭގެ އެކި ހިސާބުތަކަށް ގޮސް އެތަންތަނުގައި ކަންތައްތައް ތަޖުރިބާކޮށްލާ އެކްސްޕްލޯކޮށްލަން. 
އަދި ވަރަށް ބޭނުވާ ކަމެއް އެބައޮތް. އެއީ މަންމާޔާ ބައްޔާ އެއްކޮށް ހައްޖާ ޢުމްރާގެ އަޅުކަމަކަށް ދިޔުން. އިންޝާﷲ އެކަންވެސް އަދި ފުރިހަމަވާނެ މަގު ﷲ ފަހި ކުރައްވާނެ. 
އަބަދުވެސް ބޭނުންވަނީ ކިޔަވައިގެން ހުރި، އަޚްލާޤު ރަނގަޅު، މުޖުތަމަޢު ބަލައިގަންނަ މުޅި ތުޅާދޫވެސް ފަޚުރުވެރިވާފަދަ ދަރިއަކަށް ވާން. އިންޝާﷲ އެކަމަށްވެސް އެ އިލާހު އަޅުގަނޑަށް މަގު ދައްކަވާނެ. 
ދެން އަދިވެސް ހަމަ ވަރަށް ގިނަ ކަންތައްތައް ހުންނާނެތާ. ވަގުތު އައިސް ޖެހުމުން ކޮންމެ ކަމެއްވެސް ހާސިލްވާނެ. އިންޝާﷲ. 
މަންމަޔާ ބައްޕަޔަށް ބުނެލަން ބޭނުންވަނީ: 
 މަންމަޔާ ބައްޕަޔަށް ބުނެލަން ބޭނުންވަނީ މަންމަޔާ ބައްޕަ ދެކެ އަޅުގަނޑު އަބަދުވެސް ވަރަށް ލޯބިވެޔޭ. މިއަދު ދުރުގައި ހުންނަން ޖެހުމުން ވަރަށް ދެރަވޭ. ވަރަށް "މިސް" ވެޔޭ. 
މަންމަޔާ ބައްޕަ ފަޚުރުވެރިވާ ފަދަ ދަރިޔެއްގެ ގޮތުގައި އަބަދުވެސް ހުންނާނަން. އިންޝާﷲ. މަންމަޔާ  ބައްޕަ އަޅުގަނޑާ ދޭތެރޭ ދެކެމުން އަންނަ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖައްސައިދޭނަމޭ އަޅުގަނޑު. 

މިއަދުގެ ޒުވާން ޖީލު ހެޔޮ ޖީލަކަށް އެދޭ މިންވަރު: 
އަޅުގަނޑު އެދެނީ މިއަދުގެ ޒުވަން ޖީލަކީ އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ ޤައުމު ދެކެ ލޯބިވާ ޖީލަކަށްވުން. އަދި ހަމައެހެންމެ މަސްތުވާ ތަކެތީގެ ނުބައި ވަބާއިންނާއި އެންމެހޭ ފާހިޝް ޢަމަލްތަކުން ރައްކާތެރިވެފައިވާ ޖީލަކަށްވުން. ރަށާއި ޤައުމަށް ޚިދުމަތް ކޮށްދޭނެ ރަނގަޅު ޖީލަކަށް އަދުގެ ޒުވާން ޖީލުވުން. 

ތުޅާދޫގެ މުޖްތަމަޢުން އެންމެ ދެކޭހިތްވާ މަންޒަރު: 
 އަޅުގަނޑު އަބަދުވެސް ބޭނުންވަނީ ތުޅާދޫގެ މުޖުތަޢަކީ އެއްބައިވަންތަ އަދި އެއްބައެއްވަންތަ މުޖުތަމަޢެއްގެ  ގޮތުގައި ދެމިތިބުން. ތުޅާދޫއަކީ އެންމެ އިހުއްސުރެވެސް ކޮޅު ވާދަވެރިކަމެއް އޮންނަ ރަށެކޭ ކިޔާތީ އަޑުއަހަން. އަދި މި ފަހަކަށް އައިސް މި ފާހަގަކުރެވެނީ މި ކޮޅު ވަދަވެރިކަމާއެކު ސިޔާސީ ވާދަވެރިކަން ވަރަށް ބޮޑު ރަށެއްގެ ގޮތުގައި. މިހެން ވުމުގެ ސަބަބުން ރަށުގައި އެންމެން އެއްބައިވަންތަ ކަމާއެކު ފާހަގަކުރަންޖެހޭ އުފާވެރި ދުވަސްތައްވެސް ވެގެންދަނީ ވަރަށްވެސް ހިތާމަވެރި ދުވަސްތަކަކަށް. މީގެ ސަބަބުން ރަށު ތަރައްޤީއަށާ ކުރިއެރުމަށްވެސް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާތަން އެބަފެނޭ. އަދުގެ ކުޑަކުދިންނަށްވެސް ފެނިގެންދަނީ މުޅިން އެހެން ކަހަލަ ނަމޫނާއެއް. ކޮންމެ މީހަކީ ތަފާތު މީހެން. ކޮންމެ މީހެއްގެ ޚިޔާލަކީވެސް ތަފާތު ޚިޔާލެއް. ޚިޔާލު ތަފާތުވުންތަކާއެކުވެސް ތުޅާދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންވެސް ރަށުގެ ކުރިއެރުމާ ރަށުގެ ތަރައްޤީއަށް ކުރާ ހުރިހާ ކަމެއްގައިވެސް އެއްބައިވަންތަކަމާއެކީ އެއް އާއިލައެއްގެ ގޮތުގައި ގުޅިގެން  މަސައްކަތްކުރާތަން ފެންނަ ދުވަހަކީ އަޅުގަނޑު ވަރަށް އުފާވާނެ ދުވަހެއް. މީގެ ސަބަބުން  ރަށުގެ ތަރައްގީއާ ކުރިއެރުމަށްވެސް އެތަކެއް ފައިދާތަކެއް ކުރާނެ. އިންޝާﷲ. 
ހުސް ވަގުތު ހޭދަކުރާ ގޮތް: 
އަޅުގަނޑު ގިނަ ވަގުތު ހޭދަކުރަނީ އާއިލާޔާ އެކުގައި. ވަރަށް ގިނަ ވަގުތު ހަމަ އުޅެވޭނީ މަންމަޔާ ކޮންމެވެސް ސަކަރާތެއް ޖަހާލާ، ކޮންމެވެސް ސަމާސާއެއް ކޮށްލުމުގައި. މިހާރު ދެން މިހުންނަނީ މަންމަމެންނާ ދުރުގައި. އެހެންވީމާ، ސްކޫލްގައި މިހާރު ދެން ވަރަށް ގިނަ ވަގުތު މި ހޭދަކުރެވެނީ. ސްކޫލުން އައިސް ކައި ބޮއެ ނަމާދުތައް ކޮށް ހަދާފަ ދެން މާގިނަ ވަގުތުތަކެއް ނުލިބޭ ހުސްކޮށެއް. ހުސްވަގުތުގެ ބައިވެރިޔަކަށް މިހާރުވަނީ ފޯނު. ފޯނުން މައުލޫމާތު ލިބޭކަހަލަ ކޮންމެވެސް ލިޔުމެއް ކިޔާލާ، މައުލޫމާތު ހުރި ވީޑިއޯތައް ބަލައި ހަބަރުތައްވެސް ވަރަށް ކިޔަން. ދެން ބައެއް ފަހަރު ރައްޓެހިންނާއެކު މަދުމަދުން ބޭރަށްވެސް ގޮސްލަން. ނޫނީ އާއިލާގެ ކޮންމެވެސް މީހަކާއެކު އުޅޭނީ. ހާއިމް ބުނެލިއެވެ. 

އުއްމީދު އެގެނައި ކުޑަކުޑަ ސިއްރުން އުއްމީދު އުހައްދައިފިއެ މުޅި ދޭހަށް ދެއްތޯއެވެ. ތުޅާދޫ މަލަ އާއިއެކު ތިޔަ ހެދަކޮށްލި ވަގުތަކީ މިމަލައިން އިންތިހާއަށް ސުކުރު އަދާ ކުރާ ކަމެއްކަމުގައިި ދަންނަވަމުން އަދިިވެސް އެއްފަހަރު ދެދުނިޔޭގެ ކާމިޔާބީއަށް އެދެމުން އަދިވެސް މިިމަލައިން ބައްދަލު ވުމަށް އުއްމީދު ކުރަމުން ްަލަމުގައި ދޯރިއަޅުވާލަމެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 1
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.