އާދަތައް ބަދަލުކޮށް ދިރިއުޅުން ބަދަލުކޮށްލެވިދާނެ!
އިންސާނާ ހެދިބޮޑުވަމުން އަންނަ މާހައުލަކީ އިންސާނާގެ އުޅުމާއި އަހުލާގާއި ސިކުނޑިއަށް ވަރަށް ގިނަގުނަ އަސަރު ކުރުވާ އެއްޗެކެވެ. އެގޮތުން، ކޮންމެ މީހަކަށްވެސް އެމީހަކު ދިރިއުޅޭ މާހައުލުގައި ހިނގާ ހާދިސާ ތަކާއި ކަންތައްތަކުގެ ތަޖުރިބާ ސިކުނޑީގައި ރައްކާ ކުރެވިފައި ހުރެއެވެ. އޭނާގެ ޢަމަލުތައް ބިނާ ވަނީ ދެންމެ މި ދެންނެވި ތަޖުރިބާ ތަކުގެ މައްޗަށެވެ. މިޖުތަމަޢުގައި މީހަކީ ރަނގަޅު މީހެއްގެ ގޮތުގައި ކަނޑައަޅަނީ އެ މީހެއްގެ ޢަމަލުތަކާއި އާދަތައް މިނެކިރައިގެންނެވެ. ރަނގަޅު އާދަތަކެއް އެމީހެއްގެ ކިބައިން ފެންނަ ނަމަ އެއީ "ހެޔޮލަފާ، ރަނގަޅު" މީހެކެވެ. ރަނގަޅު އާދަތަކަށް ވުރެ ގިނައިން ގޯސް އާދަތައް ފެންނަ ނަމަ އެމީހަކީ "އަދަބެއް އަޚުލާގެއް ނެތް" މީހެކެވެ. ދެން އުފެދޭ ސުވާލަކީ، ގޯސް އާދަތަކުން ދުރުވެ، ރަނގަޅު އާދަތައް ހަރުލައްވާނީ ކިހިނެއްތޯ އެވެ.
ގިނަ ފަހަރަށް ކަންކަން ކުރުމަށް ނަފުސު އާދަ ކުރުވުމަކީ ވަރަށް އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ. ޚާއްޞަކޮށް ރަނގަޅު އާދަތަކާ ދިމާއަށް ދިއުމަކީ ގޯސް ޢަމަލުތަކާއި ދިމާއަށް ދިއުމަށް ވުރެ އުނދަގޫ، ދަތި ކަމަކަށް ވެއެވެ. މިކަން މިގޮތަށް ދިމާވާ ދެ ސަބަބެއް ވެއެވެ. ފުރަތަމަ ސަބަބަކީ އާދަތައް ބަދަލުކުރުމަށް މަސައްކަތް ކުރެވޭ ގޮތް ގޯސް ވުމެވެ. ދެވަނަ ސަބަބަކީ، ބަދަލުކުރަން ޖެހޭ ކަންކަން ނޫން އެހެން ކަންކަން ބަދަލު ކުރަން އުޅުމެވެ. ބަދަލުކުރަން ބޭނުންވާ ކަންކަން ރަނގަޅަށް ދެނެގަނެ، އެކަންކަން ބަދަލުކުރަން އުޅެގެން ނޫނީ ކަށީގައި ހަރުލައިފައިވާ ގޯސް އާދަތައް ދޫކޮށްލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންކަމުން، އެންމެ ފުރަތަމަ ބަދަލު ކުރަންވީ ކޮން ކަމެއް ކަން ދެނެގަންނާން ޖެހެއެވެ. އެއަށް ފަހު، އެކަން ކުރެވޭނެ ރަނގަޅު ޕްލޭނެއް ހަދައި، އެ ޕްލޭނުގައިވާ ގޮތަށް އަމަލުތައް ބައްޓަން ކުރަން ޚާއްސަ އަހަންމިއްޔަތު ކަމެއް ދޭން ޖެހޭނެއެވެ. އޭރުން ޙާސިލު ކުރަން ބޭނުންވާ ނަތީޖާއާ ހަމައަށް ފަސޭހަކަމާއެކު ދެވޭނެކަން ޔަޤީނެވެ.
ހަމައެކަނި އަމާޒަށް ވާސިލުވުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އެ އަމާޒަށް ވާސިލުވުމަށް ކުރެވިދާނެ ކަންކަމަށް އަހަންމިއްޔަތުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް، ބަރުދަނުން 10 ކިލޯ ލުއިކުރަން ބޭނުންވާ މީހަކު ހަފްތާއެއް ނުވަތަ މަސްދުވަހު ކަސްރަތުކޮށްގެން އޭނާގެ ބަރުދަން އޭނާ ބޭނުންވާ ވަރަށް ލުއި ނުވެދާނެއެވެ. އެހެން ނަމަވެސް، އެއްކަލަ 10 ކިލޯ ލުއިކުރުމަށް ވުރެ ބޮޑަށް އޭނާގެ ޕްލޭނާއި އެއްގޮތަށް ގަވާއިދުން ކަސްރަތު ކުރުމަށް އޭނާ ސަމާލުކަން ދީފި ނަމަ އޭނާގެ އަމާޒަށް މާ ފަސޭހައިން ވާސިލު ވެވޭނެއެވެ. މީގެ އިތުރުން، އާދަ ހަރުލެއްވުމަށް ޓަކައި އެކަމަކީ އާދައިގެ، ހިތްހަމަޖެހުމާއެކު ކުރެވޭ ކަމަކަށް ވުން މުހިންމެވެ. އަދި އެންމެ ރަނގަޅު އެއް ގޮތަކީ ތިމާ ދުވަހުގެ ތާވަލުގައި ހިމެނޭ ކަމަކާ އެކަން ގުޅުވާލައިގެން ކުރުމެވެ. ފޮތް ކިޔަން އާދަ ކުރަން ބޭނުންވާ މީހަކު، ކޮންމެ ދުވަހަކު ކޮފީބުއިމަށް ހޭދަކުރާ ވަގުތާ ގުޅުވާލައި، ކޮންމެ ދުވަހަކު ކުޑަ ވަގުތުކޮޅެއް ފޮތް ކިޔުމުގައި ހޭދަކުރެވިދާނެއެވެ. އެމެރިކާގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ޖޭމްސް ކްލިއަރ ބުނެފައިވާ ގޮތުގައި، ކާމިޔާބު މީހަކާއި ފެއިލްވެފައިވާ މީހާ ތަފާތުވާ ކަމަކީ، ކާމިޔާބު މީހާ އޭނާގެ އަމާޒަށް ވާސިލުވުމަށް އެހީތެރިވެދޭ ކުދިކުދި ކަންތައްތަކެއް މެދުކެނޑުމެއް ނެތި ތަންފީޛު ކުރުމުގެ ނިޒާމެވެ. އޭނާގެ މި ކުދިކުދި އާދަތަކުގެ ސަބަބުން އޭނާގެ ލަނޑުދަނޑިއަށް ވާސިލުވުމަށް އެހީތެރިވެދެއެވެ. މިކަމުންވެސް އެނގެނީ، ކިތަންމެ ކުޑަ ކަމެއްކަމުގައި ވީ ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ނަމަ އެކަމުގެ ނަތީޖާ ހީވެސް ނުކުރާހާ ފޮނިވެދާނެކަމެވެ. އެހެންކަމުން، އަހަރެމެން ސަމާލުކަންދޭންވީ ކުރާ ކިތަންމެ ކުޑަ ކަމެއް ނަމަވެސް، ރަނގަޅު ކަމެއް ނަމަ އެކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށެވެ.
އެކަމަކުން އަހަރެމެންނަށް ހިތްހަމަހެޖުން ލިބޭ ކަންކަން އާދަކޮށް އަހަރެމެންނަށް ކުރެވެއެވެ. އެއީ ސިއްޙަތަށް ކިތަންމެ ގެއްލުމެއް ލިބޭ ކަމެއް ކަމުގައި ވީ ނަމަވެސްމެއެވެ. ހަމައެހެންމެ، ހިތަށް ހަމަޖެހުމެއް ނުލިބޭ ކަންކަމަކީ ކިތަންމެ ބޮޑު ފައިދާއެއް އޭގެ ސަބަބުން ލިބޭ ކަމެއްކަމުގައި ވިޔަސް، ކުރަން ބޭނުންވާ ކަންކަމެއް ނޫނެވެ. "އާދަތަކަކީ ތަޖުރިބާއިން ދަސްވާ ނަފްސާނީ ކަންތައްތަކެއް ކަމަށާއި، ކަމެއް އާދަވާ ވަރަކަށް ސިކުނޑީގައި އެކަމަކާ މެދު ފިކުރު ހިނގާ ވަރު މަދުވާ ކަމަށް ލިޔުންތެރިޔާ، ޖޭމްސް ކްލިއަރ ބުނެފައިވެއެވެ." އެކަންތަކަކީ މާ ބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް ގަވާއިދުން ކުރެވޭ ކަންކަމެވެ. ތަކުރާރުކޮށް ކުރުމުން ސިކުނޑި އެކަމަށް ހޭނެނީއެވެ. އަހަރެމެން ގަބޫލުކުރާ ގަބޫލުކުރުންތައް ކުރިއަށް ނެރެ، އެގޮތުގައި މަސައްކަތް ކުރަންފަށައިފި ނަމަ އަހަރެމެން ބޭނުންވާ މަންޒިލަށް ވާސިލުވާން އުނދަގޫ ކަމަކަށް ނުވާނެއެވެ. ސަބަބަކީ، އަހަރެމެންގެ ލަނޑުދަނޑި ބިނާވެފައި އޮންނާނީ އަހަރެމެން ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ މައްޗަށް ކަމަށް ވާތީއެވެ. އެހެންވީމާ، އަހަރެމެންގެ ގަބޫލުކުރުންތަކަކީ އެއީ ބިންގާ ކަމުގައި ބަލައި، ވިސްނުން ހަމަ މަގަށް އެޅުވުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ނޫނީ ދެންހުރި ކަންކަން ރަނގަޅެއް ނުވާނެއެވެ. ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާ ހަމައަށް ނެގިއަސް ހުންނާނީ ކައްޗަށޭ ބުނަނީ މިސަބަބަށް ޓަކައެވެ.
އާދަތައް ބަދަލުވާން ދިގުމުއްދަތެއް ނަގައިފާނެއެވެ. އެއީ ކޮންމެ ދުވަހަކު ކޮންމެވެސް މިންވަރެއް ކުރިއެރުމެއް ހޯދުމަށް ކަނޑައަޅާ އަޒުމަކާއެކު ކުރެވޭ މަސައްކަތްތަކެއްގެ ނަތީޖާއެވެ. މި ކުދިކުދި އާދަތައް އެކުގައި މަސައްކަތް ކުރާނެ ނިޒާމެއް ދިރިއުޅުމުގައި ގާއިމު ކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ. ގޯސް އާދަތަކުން ދުރުވެ، ރިވެތި ސިފަތައް އަށަގެންނެވުމަށް ޓަކައި މި ދެންނެވި އުކުޅުތައް ބޭނުންކުރެވިދާނެއެވެ. މަސައްކަތް ކުރަންވީ، ކިތަންމެ ކުރަން ބޭނުންވި ނަމަ ވެސް ނުބައި އާދަތަކާއި ދުރުވުމަށެވެ. ނަފުސާ ގާތް ކުރަންވާނީ ރިވެތި އާދަތަކެވެ. މި ދެންނެވި ފަލްސަފާގެ މަތީގައި ދިރިއުޅުން ބައްޓަން ކުރަން މަސައްކަތް ކޮށްފިނަމަ ފައްސި ނަތީޖާތަކެއް ފެންނާނެކަން ޔަގީނެވެ. އިންޝާﷲ
References
Clear, J. (2018). Atomic Habbits: An Easy and Proven Way to Build Good Habbits And Break Bad Ones. New York City: Avery Publishing.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
1
ގަޔާނުވި
0
ލޯބިވެއްޖެ
1
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












