ރީތި ރީތި ނަލަ ނަލަ ހަނދެއް ކުރި އަލީގާ

މިއީ ބ.ތުޅާދޫ ލިޔާގޭ އިބްރާހީމް މުޙައްމަދު ލިޔަމުން ގެންދާ ލޯބީގެ ސިލްސިލާ އެކެވެ.

އޮކްޓޯބަރު 13, 2025 - 22:54
 0
ރީތި ރީތި ނަލަ ނަލަ ހަނދެއް ކުރި އަލީގާ



ވިދާލާ ވިދުވަރުން ލޯތައް ތަރަ ތަރަ ޖަހައިގެން ދެއެވެ. ގުގުރާލާ ކޮންމެ ފަހަރަކު އޭނާގެ ދެއަތުން ކަންފަތުގައި ފިސާރަ ބާރަށް އަތްއަޅައެވެ. އެއާއެކު ދުވަހަކުވެސް ނުހުޅުވާނަމޭ ހިތާ އެރީތި ދެލޯ މަރާލައެވެ. ވެހޭ ވާރެއާ ޖެހޭ ވައިގެ ފިނި ގަދަ ރޯޅީގެ ފިނިކަން އޭނާގެ ހުރިހާ ނާރުތަކަށް އަސަރު ކުރުވަމުން ދަނީއެވެ. އޭނާގެ މޭގެ ތެރޭގައިވާ ގަޑު ލޭކޮޅެއްފަދަ ހިތަށް ބިރުވެރިކަމާއި ނާމާން ކަމާއި އެކަނިވެރިކަމުގެ ޝިކާއީ ސްޢޫރުތައް ވެރިވަމުންގޮސް އެރީތި އެސްފިޔަތަކާއެކު ފިނިފެންމަލެއްފަދަ ކޯތާފަތްވެސް ތެމެމުން ދިޔައީ ކަރުނައިންނެވެ. 
މުޅިމީހާ ތުރު ތުރު އަޅަމުން ދިޔައެވެ. އަދި އޭނާގެ ޢުމުރުން ވީ އެންމެ 19 އަހަރެވެ. ފަންފަން ރީތި އިސްތަށިގަޑުގައިވާ އިސްތަށިތައް އެއްވެސް ތަރުތީބެއްނެތި ވަނީ ހޭވިފައެވެ. ލައިގެންހުރި ހެދުން ވަނީ ވާރެއިން ތެމި ފޯވެފައެވެ. ހެދުމުގެ ތެތްކަން އޭނާގެ ލަޠީފީ ހަށިގަޑު އިތުރަށް ވަރުބަލިކޮށްފައިވާ ކަހަލައެވެ. 
އެއްވެސް މީހަކުނެތް ފަޅުރަށެއްގައި އެކަނިމާއެކަނި ހުންނަން ޖެހުމުން މިފަދަ ނިކަމެތި އަންހެންކުއްޖަކު ހިތް ހުއްޓި މަރުނުވެ އެހުރީ ހަމަ ކިރިޔަކިރިޔާއެވެ. އޭނާ އަދިވެސް ގިސްލަ ގިސްލާފައި ރޮނީއެވެ. އޭނާ އެހުރީ މިއަދު މެންދުރު ކޭ ނޫޑްލްސް ކޮޅެއްގެ ބާރުގައެވެ. މިހާރުވެސް ބަނޑުފައިވެގެން ހުރެވޭކަށް ނެތެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. މިދަންވަރު އެއްވެސް މީހެއްގެ ހިލަމެއް ނުވާ ފަޅުރަށެއްގައި މިނިކަމެތި އަންހެންކުއްޖާ ބަނޑުފުރާނަ މުއްތި ކުރާނީ ކިހިނަކުންހެއްޔެވެ. 
މިހާރު ވާރޭ ވެސް ތުނިކޮށްލައިފިއެވެ. ޖެހެމުންދިޔަ ބާރުވައި މަޑު މަޑު ފިނިފިނި ރޯޅިއަކަށް ބަދަލު ވެއްޖެވެ. ހަނދުވެސް ދިމާ މެދު އުޑުން ދައްކާލައިފިއެވެ. އޭނާ ރަށުގެ ހުޅަގު ފަރާތު ތުޑީގައިވާ ހޭޅިފަށުގައިހުރި މަގޫ ގަހެއްގެ ހިޔަލުގައި އިށި އިނދެލައިގެން އިނެވެ. އަދިވެސް އޭނާ އަށް ގިސްލާފައި ރޮވެނީއެވެ. ހިތުގައިޖެހިގެން ކުޑަކުއްޖަކުވެސް އެވަރަކަށް ނުރޯނެއެވެ. 
މަޑުމަޑުން ނިދެމުން ނިދެމުން ގޮސް އޭނާއަށް ނިދިއްޖެއެވެ. އެރީތި ހަށިގަޑު އެއްވެސް އިޚްތިޔާރަކާއި ނުލައި އެރީތި ތުޑިމަތި ވެއްޖެއެވެ. ނިދާފައި އޮތް އިރު އެރީތި މަޢްޞޫމް މޫނުމަތިން ހިތާމައިހެ ކުލަތައް ފާޅުވޭވޭ ހުއްޓެވެ. އިރުކޮޅަކުން އެރީތި މޫނު މައްޗަށް ސިފަ ކުރަން ދަތި ގޮތްތަކެއް ވާންފެށިއެވެ. އޭނާގެ ދެއަތުގެ ޙަރަކާތަށް ބަލަން ހުރި މީހަކު ލަދުވެތި ވާން ޖެހޭ ފަދަ ޙަރަކާތްތަކެއް އެރީތި ގިއުޅު އަތުކުރިން ފެންނަމުން ދިޔައެވެ. ހީވަނީ އޭނާ ހުވަފެނީ ޢާލަމެއްގައި ޖަޒުބާތުގެ ވާރޭގައި ބެހިގެންދާހެންނެވެ. 
 
ފަތިސް ހަނދުވަރުގެ ރިހި އަލިން މުޅި މޫދާއި ފަޒާ ޖަރީވެފައިވެއެވެ. ނަވީން އާއި އޭނާގެ ބައިވެރިން ރަށުގެ ގޮނޑުދޮށުގައި ހިނގަމުން ދިޔައީ ވަކިމަޤުޞަދެއްގައެވެ. އެއީ ރަށަށް ވެލައެއް އަރާފައި އޮތްތޯ ބަލާލުމެވެ. ވެލައެއް ނުލިބުނިއްޔާ ބިސްކޮޅެއްވިޔަސް ލިބިދާނެކަމަށެވެ. އެމީހުން ހިނގަމުން ދިޔައިރު ދެކެވެމުންދަނީ މިރަށުގެ ނާމާން ކަމުގެ ވާހަކައެވެ.
” އަހަރެމެން މިހާގިނައިން މިރަށަށް އަންނައިރުވެސް އެކަހަލަ ކަމަކާ ދިމައެއްނުވޭ ދޯ ނަވީން ”
” ހޫނ އެވެސް ދެން ދައްކާވާހަކަ މީހުން ވެލާ ހިފިޔަ ނުދޭންވެގެން ތޯއްޗެ އެކަހަލަ ވާހަކަ އެދައްކަނީ ”
” އެކަމަކު އެއީވެސް އުޅޭ އެއްޗެއް އެހެންވީމަ އެފެންނަނީވެސް ”
” ތިކަން ޤަބޫލު ކުރަމޭ އެއެއްޗެތިވެސް އުޅޭނެ އެކަމަކު ގިނަފަހަރަށް ފެންނަނީކީ އެއެއްޗިއްސެއްނޫނޭ ޙުސައިނާ ….. ” ނަވީން އޭނާދެކޭގޮތް ހާމަ ކުރަމުން ދިޔައެވެ.
” ދެން ކޮންއެއްޗެއް ތަ ؟ ފެންނަވާހަކަ އެދައްކަނީ ”
” ބިރުން ހުރެފަ ހޭޅިގަ ހުރި ގަސްތަކަށް ބެލީމަ ސިފަ ކުރެވިދާނެ ކޮންމެ އެއްޗެއްވެސް …. ” ނަވީން ބުންޏެވެ.
ކުއްލިއަކަށް ވައިރޯޅި ބާރުވާން ފަށައިފިއެވެ. އުޑުމަތީގައި ވިލާތައް ބޯވެ ހަނދު ވެސް ވިލާތަކާއި ނިވާ ވާންގެށިއެވެ.
” މިރޭ މެންދަމުންފަސް ވަރަށް ސަޅިކޮށް އޮވެފަ މިވަނީ ކީއް ؟؟؟ ” ޢާދިލަށް ބުނެވުނެވެ.
” ނަވީން ތުނޑި މަތީގައި ވެލައެއް ކަންނޭގެ އެ އޮތީ ” ހުސައިން ބުންޏެވެ.
” ތަންކޮޅެއް މަޑުން ހިނގާ މިފަހަރު މިއތީ އަތު ޖެހިފަ ކަލޯ ޙުސައިނާ ކަލޯ ތަންކޮޅެއް ބާރަށް ގޮސް އެފަރާތުން ތުނޑި އަށް އަރާ ” ނަވީން ކަންކުރަންވީ ގޮތް ބުނެދެމުންދިޔައެވެ.
ޙުސައިންއަށް ތަންކޮޅަކަށް ދެވުނެވެ. އޭނާއަށް މަޖްބޫރު ވީ ފަހަތަށް ޖެހޭށެވެ.
” ނަވީން މަޑުކޮށްބަލަ އާދޭސްކޮށްފައި ބުނަން އަވަހަށް ހިގާ މިރަށުންދާން ” ޙުސައިނަށް މަތިނޭވާލެވޭވަރުން ވާހަކަވެސް ހަމައަކަށް ނުދެއްކެއެވެ.
” ކިހިނެއްވީތަ؟ ”
” ތުނޑިމަތީ އޮތީ އަންހެން ކުއްޖެއް ވެލައެއް ނޫން ޖިންނިއެއް …. ”
” ކީކޭ ؟؟؟؟؟ ” އާދިލު ބިރުން ރޫ ރޫ އަޅައިގަތެވެ.
” މަމިދަނީ ދޯންޏަށް …. މަށަކަށް ނުކެރޭނެ އެކޮޅަށް ދާކަށް ”
” އެކަމަކު މަށަށް ދެވޭނީ ވާނުވާ ބަލާފަ ކަލޭމެންދޭ ދޯންޏަށް ” ނަވީން ބުންޏެވެ.
” ހެޔޮނުވާނެ ނަވީން އެދިމާއަށް ނުދޭ އެއީ އާދައިގެ ޖިންނިއެއްނޫން ކަލޭ ތިއުޅެނީ މޮޔަވާން ހެޔޮނުވާނެ ނަވީން ކަލޭ ނުދޭ ” ޙުސައިން އާދޭސް ކޮށް ކޮށް ހުއްޓާ އޭނަ ދިޔައީ ތުނޑިއަށެވެ.
ނަވީން ތުނޑިއަށް އަރާ ރަގަޅަށް ބަލައިލިއެވެ. އޭނާ ވެސް ޖެހިލުންވާގޮތްވިއެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި ރީތިކޮށް އެދިމާއަށް ބަލާލިއެވެ. އަންހެންކުއްޖެކެވެ. އޭނާ އޮތީ ނިދާފައެވެ. އެރީތި ރީތި މޫނުގައި ކަރުނައިގެ ނިޝާންތައް ފެންނަން ހުއްޓެވެ. އޭނާ އެކުއްޖާގެ ކައިރީ މަޑުމަޑުން އިށިއިނެވެ. ދެން އެކުއްޖާގެ ތަނބިކަށްޓަށް ވަރަށް ފަރުވާ ތެރިކަމާއެކު ބަލާލިއެވެ. އެއީ ޖިންނިއެއްނޫނެވެ. އިންސާނެކެވެ. 
" މިކުއްޖާއަށް މިތަނަށް މިއާދެވުނީ ކިހިނެއްބާވައެވެ. އަހަރެން މިކުއްޖާ އެކަނި ކޮށްފައި ގޮސްފިނަމަ ދެން މިކުއްޖާއަށް ދިމާވާނީ ކޮންކަމެއްބާވައެވެ. މިކުއްޖާ މިރަށުގައި ކިހާވަގުތެއް ހޭދަކޮށްފިބާވައެވެ. މިއީ ކާކުބާވައެވެ. ކޮންމެމީހެއްކަމުގައިވިޔަސް އަހަރެން މީނައަށް އެހީތެރިވާނަމެވެ. " ނަވީންގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ މަޑުމަޑުން އެއަންހެންކުއްޖާގެ ރީތި އިސްތަށިގަޑާއި ކުޅެލިއެވެ. ދެން މަޑުމަޑުން ވަރަށް އޯގާވެރިކަމާއިއެކު ގޮވާލިއެވެ.
މަޑުމަޑުން ވަރަށް ލަސްލަހުން އެކުއްޖާގެ ދެލޯ ހުޅުވެން ފެށިއެވެ. ކުއްލިއަކަށް ވަރަށް ބާރަށް ހަޅެއްލަވަން ފެށިއެވެ. ނަވީން ވަރަށް ކަންތައް ބޮޑުވިއެވެ. އޭނާ އެކުއްޖާގެ އަނގަމަތީ ބާރަށް ހިފެހެއްޓިއެވެ. 
" ހަޅެއްނުލަވަބަލަ ! އަހަރެން ތީނައަށް ކަމެއްކުރާކަށް ނޫޅެން .... އަހަރެން ތީނައަށް އެހީތެރިވާނަން .... ތީނަ މިތަނަށް ގެނައީ ކާކު " 
" ދުރަށްދޭ އަހަރެންގެ ގައިން ދޫކުރޭ .... " ނަވީންގެ އަތުގައި އެކުއްޖާ ދައިގަތެވެ. ނަވީނަކަށް ދަތުގެ އިޙްސާސް ވާހެނެއްވެސް ހިއެއް ނުވެއެވެ. ނަވީން އޭނާގެ ގައިން ދޫކޮށްލިއެވެ. 
" ބިރުނުގަނޭ އަހަންނަކީ އެހާގޯސް މީހެއްނޫން ... ތީނައަށް މިތަނަށް އާދެވުނީ ކިހިނެއް ކޮންއިރަކު ؟ ކިޔާދީބަލަ " ނަވީން ވަރަށް ދެރަވެލާފައި އޯގާވެރި ކަމާއިއެކު ބުންޏެވެ. އެއަންހެން ކުއްޖާ ތަންކޮޅަކަށް ދުވެފައި ދިޔައެވެ. ނަމަވެސް ހޭނެތިގެން ވެއްޓުނީއެވެ. ނަވީން އެކުއްޖާ ނަގައި ކޮނޑުމައްޗަށް ލައިގެން ރަށުގެ އަނެއްކޮޅާއި ދިމާއަށް ހިނގައިގަތެވެ. 
އޭރު އިރުމަތީފަރާތު އުދަރެސް އާދުވަހަކަށް ދޮންކުރަނީއެވެ. ނަވީން ނައިސްގެން ދޯނީގަ ތިބި ކުދިންތައްވެސް ތިބީ ކަންތައް ބޮޑުވެފައެވެ. އޭރު ޙުސައިން އާއި ޢާދިލު ވީ ނަވީން ހޯދަން ގޮހެވެ. އެމީހުން ތުނޑިއަށް އައި އިރު ތުނޑީގަ އެކަކުވެސް ނެތެވެ. ދެން މާބޮޑަށް ބިރުގަތެވެ. 
" ޔަޤީން  .... އެޖިންނި ނަވީން ގޮވައިގެން ކަނޑަށް ދިޔައީ ނޫނީ އޭނާ ކައި ހުސްކޮށްލީ " ޢާދިލު ރޯން ފަށައިފިއެވެ. 
" ޢާދިލު ހަމަ ޖެހިބަލަ! އެޖިންނި އޭނާ ކައިހުސްކުރިނަމަ މިތަނުގައި ލޭވެސް ހުންނަންވާނެނު ..... " 
" ދެން ކިހިނެއްތަ އެވީ ޙުސައިނާ " 
" މި ފިޔަވަޅުތައް ބލައިގެން މަގޭ ފަހަތުން އާދޭ .... ބިރުނުގަނޭ ނަވީން އަކަށް އެއްކަމެއްވެސް ނުވާނެ .. "
ޢާދިލު ބިރުންހުރެ ޙުސައިންގެ ފަހަތުން ދާންފެށިއެވެ. އެމީހުން ވަލުތެރެއަށް ވަދެގެން ދިޔައީ ނަވީން ގެ ފިޔަވަޅުކަމަށް އެމީހުން ހީކުރާ ފިޔަވަޅުތަކަށް ބަލައިގެންނެވެ. 
ނަވީން އެކުއްޖާ ކޮނޑުމައްޗަށްލައިގެން ދިޔައީ ދޯންޏާއި ދިމާއަށެވެ. ދޯނީގަ ތިބިކުދިން ނަވީން އެހިސާބަށް ދިޔުމުން  އޭނާއާ ދިމާއަށް ހަޅެއްލަވަން ފެށިއެވެ. އޭރު ނަވީންގެ ކޮނޑުމަތީގަ އޮތް ކުއްޖާ އޮތީ ހޭވެރިކަން ވެފައެވެ. ނަމަވެސް ވަރުދެރަކަމުން  އަނގައިން ބުނެވޭ ވަރެއްނޫނެވެ. 
" މިދޯންޏަށް ތިޖިންނި ނާރުވައްޗެ .... "
" ކީއްވެގެން ތިއުޅެނީ ...... " ނަވީން ރުޅިއައިސް ރަތްވެއްޖެއެވެ. 
ޙުސައިން އާ ޢާދިލަށްވެސް ދޯންޏާއި ދިމާއަށް އާދެވުނީ ހަމަ އެވަގުތުއެވެ. ޢާދިލަށް ނަވީނާއި ދިމާއަށް ބަލާލެވުނު އިރު ނަވީނުގެ ކޮނޑުމަތީގައި އެކުއްޖާ އޮއްވައި ފެނުނީމަ އަދި މާބޮޑަށް ބިރުގަތެވެ. 
ނަވީން އެއައިގޮތަށް އައިސް މީހަކު ކިޔާއެއްޗެއް އަޑުއެހުމެއްނެތި އެކުއްޖާ ދޯންޏަށް ލިއެވެ. ދެންނަވީނު ވެސް އެރީ ދޯންޏަށެވެ. ނަވީން ދޯންޏަށް އަރާ އެކުއްޖާ އިންޖީނުގެ މަތީބޭއްވިއެވެ. އެކުއްޖާ ނަވީން އާ ދިމާއަށް ބަލާލާފައި ފެންފޮދަކަށް އެދުނެވެ. ނަވީން އޭނާއަށް ފެންފޮދެއް ދިނުމުން ބޯން ފެށިއެވެ. 
" އެއްފަހަރާ އެހާ ގިނައިން ނުބޮއޭ ބަލަ! ތަންކޮޅެއް ލަސްލަހުން .... " ނަވީން މަޑުމަޑުން ބުންޏެވެ. 
" ވަރަށް ބޮޑަށް ސުކުރިއްޔާ " އެކުއްޖާ ފެންފޮދު ބުއިމަށްފަހު ތަށި ނަވީންއާ ދިމާއަށް ދިއްކޮށްލިއެވެ. އޭރު ޙުސައިން އާ ޢާދިލުވެސް ދޯންޏަށް އަރައިފިއެވެ. 
" ހޫނ ދެންބުނެބަ ! ކިހިނެއްތަ؟ މިރަށަށް އާދެވުނީ " ނަވީން އަހާލިއެވެ. 
" އަހަރެމެން އިއްޔެ ދިޔައީ ދަތުރު .... ދަތުރު ގޮސް އުޅެނިކޮށް މެންދުރުފަހު ވަރަށް ވިއްސާރަ ވީމަ ރަށަށް ދާން ފުރީ ދެން އަހަރެމެން އައި ޑިންގީ ބަންޑުން ޖަހާލީ ދެންވީ ގޮތެއް ނޭނގެ .... " އޭނާއަށް ރޮވެންފެށިއެވެ. 
" ޢަލީ ތަރުމޯޒުގައި ހޫނުފެން އެބަހުރިތަ؟ " ނަވީން އަހާލިއެވެ. 
" ހޫނ " 
" ވަރަށް އަވަހަށް މައިލޯއެއް ހަދާލަބަލަ  ދޮންކެޔޮ ވަކެއްވެސް ގެންނައްޗެ " 
" މިދޯނީގަ އެކަހަލަ އެއްޗެތިވެސް ހުރޭތަ؟ " 
" ހޫނ ތީ ކޮންރަށެއްގެ ކުއްޖެއް އަދި ނަމެއްވެސް ނުބުނަމެއްނު މަށަށް ކިޔަނީ ނަވީން " 
" އަހަރެންނަކީ ބ. އަތޮޅު ކެންދޫ ކުއްޖެއް .... އަހަންނަށް ކިޔަނީ ނަޖުދާ ... ރައްޓެހިން ކިޔަނީ ނަޖޫ " 
" އެހެންދޯ ވަރަށް ސަޅި ނަންވެސް އިނގޭ ދެންބުނެބަލަ އެއްވެސް ވަރަކަށް ހިކިފަސް ތަނަކަށް އާދެވުނުކަން އެގޭތަ؟ "  
" ނަޖޫ ހޭއެރިއިރު ޮތީ މިރަށު ގޮޑުދޮށުގައި އޭރު ދުވާލުގެ އަލިކަމެއް ނެތް އަނދިރި ކަމުން ތަނަކަށް ދާންވެސް ބިރުން ހުރީ ބަނޑުފައިވެފައި ހުރިވަރުން މީހުން އުޅޭ ރަށެއްތޯ ބެލިން ކުޑައިރު ކޮޅަކުން މީ ފަޅުރަށެއްކަން އެގުނު ދެންވަރަށް ބިރުގަތް .... މިރަށު ތުނޑީގަ ހުއްޓާ މޫސުން ރަގަޅުވެ ހަނދުވަރުގެ އަލިކަން ލިބުނު ދެން ނިދިއައިސްގެން އޮށޮއޮތީ .... ދެން ހޭލެވުނުއިރު ތީނަ އަހަންނާ ވާހަކަ ދައްކަނީ .... ދެން ވަރަށް ބިރުގަތް .... އަހަރެންގެ ޢިއްފަތްތެރިކަމާއި ޝަރަފު ދިޔައީއޭ ހިތަށްއެރި ... އެކަމަކު ތީނަ ވީ އެއަށްވުރެ މާރަގަޅުމީހަކަށް އެކަންމަށަށް އެގުނީ ތީނަ ގެ ކޮނޑުމަތީ އޮއްވާ ހޭވެރިކަން ވުމުން .... " 
" އޯކޭ  ދެންމި މައިލޯ ތަށްޓާއި ދޮންކެޔޮވަށް " ނަވީން ޢަލީ ގެނައި މައިލޯ ތައްޓާއި ދޮންކެޔޮވަށް ނަޖޫ އަށް ދިނެވެ. 
" ނަވީން ގެ އަތުން ލޭއައިސްފަ އެހުރީ ކީއްވެ؟ " ޙުސައިން އަށް އަހާލެވުނެވެ. 
" އޯވ އެއީ ... އެއީ ... " ނަވީން ދޮގެއް ހަދަން އުޅުނެވެ. 
" އެއީ މަ ހަޅެއްލަވަން ފެށުމުން އަނގަމަތީގައި އަތްއެޅިމަ މަށަށް ދައިގަނެވުނީ ސޮރީ ނަވީން  " އެންމެން ހޭންފެށިއެވެ. 

" ދެޓުސް އޯކޭ " 
" އަހަރެން ވަރަށް ދެރަވެއްޖައިން " 
" އަޅާނުލައި ދެން އެކަން އެނިމުނީނު .... " ނަވީން ހިނިތުން ވެލިއެވެ. " ޙުސައިނާ  ވާތައް މޮހާލައިގެން ފުރަން އުޅެމާ ..... "
" އާނ ފުރަންވެސް ވީ ވެލާވެސް ހިފިފަތާ މިހުރީ ދޯ " އެންމެން ހޭންފަށައިފިއެވެ.
ވާތައް މުހާލާ އިންޖިންގ ސްޓާރޓް ކޮށް ރަށާއި ދިމާއަށް މިޞްރާބު ޖެހުމަށްފަހު ސައިކައްކަން ފެށިއެވެ. ނަޖޫ ވެސް ވެސް އެމީހުންނާއި ބައިވެރިވެ ސައިކައްކަން އުޅެންފެށުމުން ނަވީން އޭނާ ގާތު ޢަރާމު ކުރަން ބުންޏެވެ. ނަމަވެސް އޭނާ ނަވީންގެ އަޑެއްނާހައެވެ. ފުށް ބޮޑެ ރޮށިފިހަން ތައްޔާރު ކުރިއެވެ. 
" ނަވީން އަހަރެން ބައްޔެއްނޫން .... މިހާރު އަހަންނަށް ހަމަޖެހުން ލިބިއްޖެ " ނަޖޫ ބުންޏެވެ. ސައި ތައްޔާރު ވުމުން އެންމެން ވަރަށް ހިތްހަމަ ޖެހިގެން ސައިބޮވުނެވެ. އެމީހުން އެންމެންނަށް ވަރަށް މަޖާކޮށް އަގަތަޅަމުން ދަނިކޮށް މާކުރަތުގެ ފަޅުތެރެއަށް ވަރަށް ނިޔާމައިގައި ދޯނި ދުއްވަމުން އައިސް ވަނެވެ. އިންޖީންގޭ މަތީ އޮށޮއޮވެލައިގެން އޮތް ނަޖޫ ގެ ނަޒަރު އިރު އިރު ކޮޅުން އަމާޒު ވަމުން ދިޔައީ ހުންގާނުގައި ހުރި ނަވީނަށެވެ. ސިއްރު ސިއްރުން މިދެޒުވާނުން އެކަކު އަނެކަކަށް ބަލަމުން ދިޔައެވެ. 
ރަށުގެ ބަދަރަށް ދޯނި ގާތްކުރި އިރު ބަނދަރުގައި ތިބި ބައެއް މީހުން ހައިރާންކަމުގެ ނަޒަރަކުން އެދޯންޏާއި ދިމާއަށް ބަލަމުން ދިޔައެވެ. މިދޯންޏަކީ ވެލާ ހިފަން އިއްޔެ އޮއްސުނު އިރާއިއެކު ފުރި ދޯންޏެއްކަން އެންމެންނަށްވެސް އެގެއެވެ. ނަމަވެސް އެދޯނީގައި އަންހެން ކުއްޖަކު އިނީތީ އެންމެންވެސް ހައިރާންވިއެވެ. 
" ވެލާ ހިފުމުގެ ނަމުގައި އިންނާނެ ކުއްޖަކު ހޯދަން ދިޔަ ދަތުރަކަށްތާ މިވީދޯ ؟ "
" މިވާނީ ކުރިންވެސް ހޯދާފަ ހުރި ކުއްޖަކަށް .... އެހެންވެގެންތާދޯ .... އިއްޔެ އިރު އޮއްސެނިކޮށް ފުރީ ހެނދުނު އެއައީ ގޮވައިގެން .... އަނެއްކާ ސަޅިވެސް ކުއްޖެކޭ ދޯ ؟ " 
އެކި މީހުން އެކިގޮތަށް ބަނދަރުމަތީ ވާހަކަ ހަދަމުން ދިޔައެވެ. 
" މިވާނީ ނަވީނުގެ ކަމަކަށް .... "
" ޢާދިލުގެ ކަމަކަށްވެސް ވެދާނެ ..... ތިއެއްނޭގެދޯ !!!! " 
ނަވީންމެން ދޯނި އަޅާފައި ދޯނިން ފޭބިއެވެ. ނަވީން ދޯނިން ފައިބައިގެން ނިކަގަސް ކައިރި ހުރި ސައިކަލަށް އަރަމުން ނަޖޫ އަށް ފަހަތަށް އެރުމަށް ބުނުމުން ނަޖޫ ވަރަށް ލަދުންހުރެ ނަވީންގެ ސައިކަލު ފަހަތަށް އެރިއެވެ. " ކަލޯ ތީތަ؟ މިފަހަރު ހިފި ވެލައަކީ ...... ހާދަ ސަމައްތަރު ހެޔޮ ވެލަ އެކޭ ދޯ " 
" އެއްޗެއް ނޭގެންޏާ އަގަނުތަޅާ މަޑުން ތިބެބަލަ ! " ނަވީން ރުޅިއައިސްފަ އިދެގެން ސައިކަލު ކުރިއަށް ދުއްވާލިއެވެ. 
" ހާދަ ފޮނިވެސް ސޮރެކޭ ދޯ!!! " 
ނަވީން ސައިކަލުގައި ދިޔައީ ގެއަށެވެ. އޭނާ ގެއަށް އައުމުން ގޭ އެންމެންވެސް ހައިރާންވިއެވެ. ނަވީނުގެ ސައިކަލު ފަހަތުގައި އަންހެން ކުއްޖަކު އިނީމައެވެ. 
" މަންމާ .... ނަޖޫ އެހީވެބަލަ .... " 
" އާދޭ .... ސައިބޯންވީނު "
" އަޅުގަޑު ފާޚާނާއަށް ގޮސްލަން ބޭނުން  " 
" އެހުރީ ގިފިލި އަވަހަށް ދޭ " ނަޖޫ ގިފިންޏަށް ވަނީމަ ނަވީން ފިހާރައަކަށް ގޮސް ތުވާއްޔަކާއި ރީތިވާ ސާމާނު ގަނެގެން އައިސްފިއެވެ. 
މަންމަ އަތަށް އެތަކެތި ދީފާ ނަޖޫ އާ ޙަވާލު ކުރިއެވެ. 
" ނަވީން އެއީ ކޮންކުއްޖެއް " 
" ކުޑަކުރަތުގައި ޙާލުގަ ޖެހިފަ ހުރި ކުއްޖެއް ..... އަހަރެމެން އެރަށަށް ދިޔައިރު އެރަށު ތުނޑީގައި ހޭނެތިފަ އޮއްވާ އަހަރެމެން އޭނައަށް އެހީތެރިވެގެން ހޭއެރީމަ އެއީ އިއްޔެ ދަތުރު ގޮސްއުޅެނިކޮށް ބެހުނު ކުއްޖެއް ކަން އެގިގެން މިއައީ ގޮވައިގެން " 
" ހާދަ ރަގަޅޭ ދަރިފުޅާ ..... އެކަމަކު މިރަށު މީހުން ކިޔާނެ އެއްޗެއްވެސް ނޭގެ .... "
" މީހުން ކިޔާނެ އެއްޗެއް ކިޔާފާނެ އަޅާނުލާ ..... " 
އަދިނުނިމޭ     

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 1
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.