އުދާސް
އުދާސް ސުޒުނާ ގެ އުދާސް 01 ޕާޓް
އުދާސް
ޖެހެމުން ދިޔަ ފިނި ރޯޅިއާއި ވެހެމުން ދިޔަ ބޯ ވާރޭގެ އަސަރު ކޮންމެވެސް ވަރަކަށް ކުޑަދޮރުން ގޯނާ ކޮށްލަމުން ދިޔައެވެ.ވާރޭގެ ހިތްގައިމު މިޔުޒިކީ ރާގު ގެ އަޑު އަހަން އަހަންނަށް އޮވެވުނީ އޭގެ ޖާދޫގައި ހަމަ ރަގަޅަށްވެސް ޖެހިގެންނެވެ. ކުރާނެ މާބޮޑު ކަމެއް ނޯންނާނެތީ އަހަރެން އޮތީ އެނދާ ދިމާ ކުރިމަތީ ހުޅުވިފައިހުރި ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް އަހަރެންގެ ޚިޔާލު އެދިމާއަކަށް ގޮސް ހުއްޓުނީ ، އެއީ މިހާރަކަށް އައިސް އަހަރެންގެ ސިނކުޑިއާ އެންމެ ގާތް އެކަށްޗަކަށް ވާތިއެވެ. W
ޙަޔާތުގެ ޞަފްޙާތައް ލޯމަތިން ފެންނަ ފަދައެވެ. ޙަޔާތުގެ ފުން ކަނޑުގައި އަހަރެން މަޑު މަޑުން ޣަރަޤުވަމުން ދިޔަ އެއިން ކޮންމެ ހަނދާނަކީ ، ހަމަ އިއްޔެ ވީ ކަންތައްތަކެއް ފަދައިންނެވެ. W
އެއީ މީގެ ދެތިންއަހަރު ކުރިއެވެ. އަހަރެންގެ ހިތުގައި ޒުވާން ކަމުގެ ވިންދު ޖަހަމުން ދިޔައީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ. އޭރު އަހަރެންގެ ޢުމުރުން ވީ އެންމެ ބާވީސް އަހަރެވެ. ޢުމުރުގެ އެހެން ކުދިންފަދައިން އޭރު ، އަހަރެންވެސް އުޅެމުންދިޔައީ އުފާވެރި ދިރި އުޅުމެކެވެ. ކޮފީތަކަށް އެރުމާއި ކުޅުމާއި މަސްހިފަން ދިޔުމަކީ ، އަހަރެމެން ޒުވާނުން އެންމެ ފޯރިއާއެކު ކުރަމުން އައި ކަންތައްތަކެވެ. އަހަރެންނަކީ ރަސުގައި ފުދޭވަރަކަށް ތަނަވަސް އާއިލާއެއްގެ ދަރިއަކަށް ވީކަމީ ، އަހަރެން ވަޒީފާއަކަށްދާން މަޖްބޫރު ނުވި އެއްސަބަބެވެ. ބައްޕަގެ ވިޔަފާރިން ޢާއިލާއަށް ތަނަވަސް ކަން ލިބިފައިވެއެވެ. އެހެންކަމުން ވަޒީފާއަކަށްދާން އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. W
އެޢުމުރުގެ އެހެން ކުދިންނެކޭ އެއްފަދައިން އަހަރެންވެސް ހިތްކިޔާ ކުއްޖެއް އޭރު ރަށުގައި ހުއްޓެވެ. އޭނަގެ ފަސްފަހަތުން އަހަރެން ހިޔަންޏެއް ފަދައިން އުޅެމުންދިޔައީ އޭނަގެ ލޯބި ޙާޞިލު ކުރުމުގެ ބޭނުމުގައެވެ. އެތައް ދުވަހަކަށްފަހު ، ލީނާ އަހަންނާއި އަގައިން ބުނަން ފެށިކަމީ ، އަހަރެންގެ ކެތްމަދު ވެފައިވާ ހިތަށް ލިބުނު ހަމަޖެހުމަކަށެވެ. ލޯބީގައި އަހަންނަށް އުއްމީދު ލިބިގެން ދިޔައެވެ. W
މަސްތަކަކަށްފަހު ، ލީނާ އަހަންނާއި ލޯބީގެގޮތުން ގުޅުނީ ، އަހަރެންގެ ހިތަށް އަދި ދިރިއުޅުމަށް އާ އުއްމީދުތަކެއް ގެނަސް ދެމުންނެވެ. ލީނާއަށްޓަކައި އަހަރެންގެ އުޅުން ބަދަލުކުރަން އަޒުމު ކަޑައެޅީމެވެ. އަދި ލޯބީގައި ޒަވާޖީ ޙަޔާތެއްގެ ކުލަ ޖައްސަން ބޭނުންވާކަމަށްވެސް ހުށައެޅީމެވެ. W
ކުލަގަދަ އުފާވެރި ރަސްމިއްޔާތަކުން އަހަންނަށް ލީނާގެ ކައިވެނި ކުރެވިގެން ދިޔައެވެ. ހަޔާތުގާ މުޅިން އާ ޞަފްހާތަކެއް އެކީގައި ގުނަން ދެމީހުންވެސް ނިންމީމެވެ. އޭރު ދެމީހުންކުރެ މީހެއްގެ ހިތަށް ، ހަޔާތުގެ އިމްތިޙާނު އަންނާނެ ގޮތަކާއި މެދު ، އެއްވެސް ވަރަކަށް ޚިޔާލެއް ނުކުރެވެއެވެ. އެކު އެކީގައި އުފާވެރި ދުވަސްތައް ގުނަމުން ، ދިމާވީ ބަޔާން ކުރަން ދަތި ހާދިޘާއެކެވެ. W
އެއީ އުޑުމަތި ސާފު ހިތްގައިމު ދުވަހެކެވެ. ކުރުބާ އެއް އަޅަން އަހަރެން ގޯތިތެރޭހުރި ، ރުކަކަށް އެރީ ދިމާވެދާނެ ކަމަކާއި މެދު އެއްވެސް ފިކުރެއްނެތިއެވެ. ނޭގިހުއްޓާ އަހަރެން ވެއްޓުނީ ފައިކައްސާލައިގެންނެވެ. ހޭވެރިކަން ވީ އިރު އޮތީ ހަސްޕަތާލުގައިކަން އެގުމުން ، އަވަހަށް ވީގޮތެއް އަހާލަން ކައިރީގައި އިން ލީނާ އާ ދިމާއަށް ބަލާލީމެވެ. އެވަގުތު ލީނާގެ ފެންކަޅި ވެފައިވާ ލޮލުން ، އަހަރެންގެ ލޯ ވެސް ތެތްމާލައިފިއެވެ. ވެއްޓިފައި އަހަންނަށް އަނިޔާ ވީމަ ، އެތަނަށް ގެނައީ ކަމަށް ލީނާ އަހަންނަށް ކިޔާދިނެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން ޑޮކްޓަރެއްއައިސް އަހަންނާ ވާހަކަ ދައްކާ ސުވާލުތައް ކުރަމުން ދިޔައެވެ. ކުއްލިއަކަށް އަހަރެންގެ ހިތް ހުއްޓުނު ފަދައެވެ. ފައި ހިއްލާލަން އުޅެ އުޅެ ، އަހަންނަކަށް އަހަރެންގެ ފައި ހިއްލާލެވޭ ގޮތެއް ނުވިއެވެ. އެވަގުތު ބަޔާން ކުރަން ދަތި ބިރުވެރި އިޙްޝާޝް ތަކެއް ކުރެވުނެވެ. އެތައް ސަތޭކަ އެއްއޗެހިތަކެއް އެއްފަހަރާ ހިތަށް އަރައި ފައިބަމުން ދިޔައެވެ. އަނެއްކާވެސް އެއްވެސް އިޚްތިޔާރަކާއި ނުލާ އަހަންނަށް ރޮވުނެވެ. ހާސްވެ ކަންބޮޑު ވެފައިވާ ލީނާ ، ޑޮކްޓަރަށް ގޮވާ ގެނަސް ވާނުވާ ބަލަން އުޅެގަތެވެ. ޤަބޫލުކުރަން ދަތިވިޔަސް ވެއްޓި ޖެހުނު ގޮތުން ، އަހަރެންގެ މައި ބަދައަށް ވަނީ ގެއްލުންތަކެއް ވެފައި ކަމަށް ޑޮކްޓަރ މައުލޫމާތު ދިނެވެ. އަދި އޭގެ ސަބަބުން އަހަރެންގެ އުނަގަޑުން ތިރީގައި އެއްވެސް ވާއްގެއް ނެތްކަމަށް ޑޮކްޓަރ ބުނެއެވެ. އަހަންނަށް އެވަގުތު އަހަރެންގެ މުޅި ދިރިއުޅުން ހުއްޓުނުހެން ހީވިއެވެ. އަހަރެންގެ އުފާވެރި ޕާޓް 2 ދިރިއުޅުން ވިއްސި ވިހާލިވެގެން ދިޔަ ފަދައެވެ. ހާސް ވެފައިވާ ހިތަކާއިއެކު ، އުއްމީދެއް އާވެދާނެކަމުގެ ނިޔަތުގައި ، ރާއްޖެއިން ބޭރަށް ދާން ބޭނުންވާތީ ، ޑޮކްޓަރ ގެ ލަފަޔަކަށް އެދުނީމެވެ. W
މަންމައާ ބައްޕައާ އަދި ލީނާގެ އެހީއާއެކު ، ރާއްޖެއިން ބޭރަށް ފުރައިގެން އަހަރެން ދިޔައީ ޖެހިގެން އައި ދުވަހުގައެވެ. އިންޑިޔާގެ ކިމްސް ހޮސްޕިޓަލުގައި މައި ބަދައިގެ ބޮޑު އޯޕަރޭޝަނެއް ކުރީ ، އަލުން ހިގާލެވޭނެކަމުގެ އުއްމީދުގައި ހެއްދެވި ފަރާތަށް ހިތާހިތުން ދުޢާ ކުރަމުންނެވެ. އަދި
އޮޕރޭޝަނަށްފަހު ހަގަޑި އިރު ވީފަހުން ، އަހަރެން އަވަސް ވެފައިވާ ހިތަކާއި އެކު ، ކެތްކޮށްލައިގެން އޮތީ އައްސިކަން ދިޔުމަށްފަހު ، ފައި ހަރަކާތް ކުރާނެކަމުގެ ހުވަފެން ދެކެމުންނެވެ. ނޭނގޭ ބިރުވެރިކަމެއް ހިތުގައި ވީނަމަވެސް ، ހިތްވްރު ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ކުޑަކޮށް ނިދާލުމަށްފަހު ، ލޯ ހުޅުވާލުމާއި އެކު ، އަހަރެންގެ ފައިގެ އިނގިލިތައް ޙަރަކާތް ކޮށްލެވޭތޯ މަސައްކަތް ކުރީމެވެ. ބޭގަރާރު ވެފައިވާ ހިތަށް ފިނިފެން އެއްޗެއް އޮއްސާލި ކަމުގެ އިޙްޝާޝްތައް އެވަގުތު އަހަރެންގެ ހަށިގަޑުގައި ފެތުރިގަތެވެ. ކަރުނަތައް ހިފެހެއްޓުމެއްނެތި ، އަހަރެންގެ ލޮލާއި އަލްޥަދާޢް ކިޔަމުން ކަރުނަިގެ ކޯރެއް ފޫއްދާލައިފިއެވެ. ޑޮކްޓަރ ހިތްވަރު ދެމުން ދިޔައެވެ. " އިރާދަ ކުރެއްވިޔާ ރަގަޅު ވާނެކަން ގައިމެވެ. "
ދުވަސްތައް މާޒީ އާ އެކުވަމުންގޮސް ، އިންޑިޔާގައި ފަރުވާ ހޯދަން އުޅޭތާ 3 މަސް ފުރިއްޖެއެވެ. އެތައް އޮޕަރޭޝަންތަކާއި އެތައް ފިޒިއޮތަރަފީ ތަކެއް ނަގަމުން ހިތްވަރު ކުރަމުން ދިޔައީ އަދަށްވުރެ ފެހި މާދަމާ އެއް ﷲ ގެ އިރާދަފުޅުން ދައްކަވާނެ ކަމުގެ ފޮނި އުއްމިދާއި އެކުގައެވެ. އެންމެ ފަހުން އަހަރެންގެ އުއްމީދުތައް ވިއްސި ވިހާލި ކޮށްލީ ޑޮކްޓަރުން އުއްމީދު ކަޑާލުމުންނެވެ. ޙަޔާތުގެ ބާކީ އޮތްބައި އެނދުގައި އޮށޮއޮވެގެން އޮންނަން ޖެހޭކަން އެގުމުން އަހަރެންގެ ޒުވާން ހިޔް ރޮއްވާލިއެވެ. އެހެންމީހުންނެކޭ އެއްފަދައިން އަހަރެންވެސް އުފާވެރި ދިރިއުޅުމެއް ބޭނުމެވެ. އަމިއްލަ ދަރިންތަކެއް ބޭނުންވާކަމުގެ ޝަކުޥާ ހިތާ ހިތުން ކުރެވެމުން ދިޔައެވެ. އަހަރެންގެ ފުރާނަ ފަދައިން ލޯބިވާ ލީނާގެ ހައްޤުަގައިވެސް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ ، އަލުން ހިގާލަން ހިތް ބޭޤަރާރު ކުރުވަމުން ދިޔައެވެ.
މާޔޫސްވެފައިވާ ހިތަކާއިއެކު ރާއްޖެ އައީ އަލުން ދިރި އުޅުމަށް ކުރަމުންއައި އުއްމީދުތައް ވީރާނާވެފައިވާ ޙާލުގައެވެ. ދިރިއުޅުމުގައި އެހެންމީހުންގެ އެހީއަށް ބޭނުންވެފައިވާ ނުކުޅެދޭ މީހެއްގެ ގޮތުގައެވެ. ދިރިއުޅުމުގެ މަގު ގެއްލިފައިވާ މުޝާފިރެއް ފަދައެވެ. ޙަޔާތުގެ ކޮންމެދުވަހެއް ހޭދަކުރަމުންދިޔައީ އެތައް ކަރުނަ ތަކެއް އޮއްސަމުންނެވެ. ޖެހުނު ހާލާއިމެދު އެތައް ސަތޭކަ ފަހަރު ޝަކުޥާ ކުރެވެމުންނެވެ.
އިންޑިޔާއިން އައިތާ ކުރީ ކޮޅުގައި ލީނާ އަހަރެންގެ ޚިދުމަތުގައި ހުއްޓަސް ، ދުވަސްތައް މާޒީއާ އެކުވަމުން ދާވަރަކަށް ، ލީނާގެ އުޅުމަށް ބަދަލު އަންނަ ކަމުގެ އިޙްޝާސް އަހަންނަށް ކުރެވުނެވެ. ކިތަންމެ ޝަކުޥާއެއް ކުރަން ބޭނުންވިޔަސް ، އަމިއްލަ ޙާލުގެ މަތިން ހިތަށް އަރާތީ ހަނު ހުރުން އިޚްތިޔާރު ކުރަމުން ދިޔައީމެވެ. އެހެންގޮސް ދެމަސްދުވަސް ފާއިތު ވީ އިރު ، އަހަރެންގެ ގިނަ ކަންތައްތައް ކުރުން ލީނާއަށް މުހިއްމުކަމަކަށް ނުވާކަން އަހަންނަށް އިޙްޝާސް ކުރެވުނެއެވެ. ލީނާގެ އަޅާލުމާއި ، އޯގާވެރި ކަން ނެތެމުންގޮސް ، ހިތަށް އެރި އެއްޗެއް އަހަންނާއި ދިމާލަށް ގޮވާލާ ހިސާބަށް ކަންތައްތައް ދިޔައެވެ. އަހަންނަށް ޖެހިފައިވާ މިޙާލު ލީނާއަށް ވެގެން ދިޔައީ ބޮޑު ބުރައަކަށެވެ. މިދުނިޔެއިން އަހަރެން ފުރާނައެއްފަދައިން އަހަރެން ލޯބިވި ކުއްޖާ އަހަންނާއި ވަކިވުމަށް އެދޭކަން ބުނުމުން އަހަންނަށް ވެގެން ދިޔައީ އަހަރެންގެ ވޭނީ ޙަޔާތް އިތުރަށް ބަނގުރޫޓު ކޮށްލުން ފަދަ ކަމަކަށެވެ. ނަމަވެސް އޭނާގެ އެދުމަށް އަހަރެން އޭނާ ވަރިކޮށްދިނީ އޭނާއަށް ދުވަހަކުވެސް އަހަރެންގެ ފުށުން އުދަގޫ ނުޖެއްސުމަށް ނިޔަތް ގަނެގެންނެވެ.
ލީނާއާ އަހަރެން ވަކިވުމަށްފަހު ، އަހަރެންގެ ބިކަ ޙަޔާތް ވެގެން ދިޔައީ އެއްވެސް މާނައެއް ނެތް ލަފުޒަކަށެވެ. އެތައްފަހަރަކު މަރުވާނެ ނަމައޭ ހިތަށް އަރަމުން ދިޔައެވެ. ނުކުޅެދޭ ޙާލުގައި އެއްވެސް ހިތްހަމަ ޖެހުމެއްނެތި އެތައް ބޭސްތަކެއް ކަމުން އުޅެން ޖެހުމުން އަހަންނަށް ބަޔާން ކުރަންދަތި ވޭނަކަށް މިކަންވިއެވެ.
މިއަދު އަހަރެންގެ ވީރާނާ ޙަޔާތަށް 3 އަހަރު ވެގެންދިޔައީ ވޭނީ ދުވަސްތައް ތަޙައްމަލު ކުރަމުންނެވެ. އަހަރެންގެ ޚިދުމަތުގައި ބޭރުމީހެއް ހުއްޓެއްކަމަކު އަހަރެންގެ ޒުވާން ހިތް ރެއާ ދުވާލު ، އާދޭސްކުރަމުންދަނީ މިކަމަށް ނިމުމެއް އާދޭތޯއެވެ. ކުއްލިއަކަށް މާޒީގެ ފުން ކަނޑުން އަހަރެން ހަމަ ދުނިޔެއަށް ގެނައީ ކޮޓަރިތެރެއަށް ވަދެގެން އައި ނަރުސް ކުއްޖާއެވެ. ބޭސް ކާ ގަޑިއަށް އަހަރެންގެ ބޭސް ހިފައިގެން އޭނާ އައިސް އަހަންނަށް ބޭސް ދިނެވެ. މިހާރު އަހަންނަކީ ހޮސްޕިޓަލުގައި އެދުމަތި ކުރެވިފައިވާ އެތައްބަޔަކަށް ފަރުވާ ހޯދަމުންދާ ޒުވާނަކީމެވެ. އެއްވެސް މީހަކު އަހަރެން ކަހަލަ ބޭކާރު މީހަކާ އެކީ އުޅޭކަށް ބޭނުމެއް ނުވާނެއެވެ. އެމީހުންގެ ބުރަ މަސައްކަތުން ވަގުތު ހޯދައިގެން އަހަންނަށް ގޮވާލަން އަންނާނެ އެކުވެރިން ދަނީ ދުވަހެއް ދުވަހަކަށް މަދުވަމުންނެވެ. އަހަރެން އުއްމީދުކުރާ މާކަ ބޮޑު ކަންތަކެއް ނެތެވެ. ޒުވާން ހިތުގެ ހުވަފެންތައް އަހަރެންގެ ޙަޔާތާއި ވަކިވެގެން ދިޔަ ހިސާބަކީ ، އަހަރެންގެ ދިރިއުޅުމުގެ އުއްމީދުތައް ކަފުންކޮށް ވަޅުލި ހިސާބެވެ. އަހަރެންގެ އުފާވެރި ދުނިޔެ ނިމުމަކަށް ގެނައި ހިސާބެވެ. ނިމުނީ
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












