ދިރާސީ އާ އަހަރަކަށް އިރު އަރައިގެން އައި ހިނދު ....

ތަޢްލީމަކީ އިންސާނާގެ ދުނިޔެއާ އާޚިރަތް ވަކިކޮށްދެނިވި ނޫރަށް ވާކަމީ އަޅުގަޑުމެން ޙައިރާން ވާންވީ ކަމެއްނޫނެވެ. ޢިލުމުގެ ދޮރާށީން ވަނުމަށް އަޅުގަޑުމެންގެ މިމާތް އިސްލާމު ދީން ނުހަނު ބޮޑަށް ބާރު އަޅަމުން ދިޔުމުގެ ސިއްރަކީ އަޅުގަޑުމެން މުސްލިމުން ދެނެގަންނަން ޖެހޭނެ ކަމެކެވެ.

އޮގަސްޓް 12, 2025 - 14:33
އޮގަސްޓް 15, 2025 - 15:02
 0
ދިރާސީ އާ އަހަރަކަށް އިރު އަރައިގެން އައި ހިނދު ....
ތުޅާދޫ ސްކޫލް
ތަޢްލީމަކީ އިންސާނާގެ ދުނިޔެއާ އާޚިރަތް ވަކިކޮށްދެނިވި ނޫރަށް ވާކަމީ އަޅުގަޑުމެން ޙައިރާން ވާންވީ ކަމެއްނޫނެވެ. ޢިލުމުގެ ދޮރާށީން ވަނުމަށް އަޅުގަޑުމެންގެ މިމާތް އިސްލާމު ދީން ނުހަނު ބޮޑަށް ބާރު އަޅަމުން ދިޔުމުގެ ސިއްރަކީ އަޅުގަޑުމެން މުސްލިމުން ދެނެގަންނަން ޖެހޭނެ ކަމެކެވެ. އަޅުގަޑުމެންގެ ސާދަސައްތައަށް ވުރެ ދިގު ތާރީޚަށް ނަޒަރު ހިންގާލިޔަސް މެއެވެ. އަދި އޭގެ ކުރީގެ އުއްމަތްތަކަށް ނަޒަރު ހިންގާލިޔަސް ޢިލުމު އުގެނުމުގެ މުހިއްމުކަން ހިތަށް ސިފަވެގެންދެއެވެ.
ކީރިތި ޤުރްއާނުން ފުރަތަމަ ބާވާ ލެއްވި 05 އާޔަތަށް ނަޒަރު ހިންގާލުމުން ޢިލުމުގެ މުހިއްމު ކަން ހާމަވެގެންދެއެވެ. ޢިލުމުއުގެނުމަށްޓަކައި އިސްލާމީ ޢިލުމުވެރިން ކޮށްފައިވާ މަސައްކަތްތަކީ މިއަދު ގެ ކިޔަވާކުދިން ދެނެގަންނަން ވެއްޖެކަމެކެވެ.
އާނއެކެވެ. ތުޅާދޫ އާއި މުޅިރާއްޖޭގެ އެންމެހާ ލޮބުވެތި ކިޔަވާކުދިންނަށް ވަރަށް ހޫނު މަރުޙަބާ އެއް މިމަލައިން އަރިސްކުރަމެވެ. އަދި މިއަހަރަކީ މިދިޔަ އަހަރުތަކަށްވުރެ ބާއްޖަވެރި އަހަރަކަށް ހެދުމަށް ޢަޒުމުކަޑައެޅުމަށް ހަނދާންކޮށްދެމެވެ. ހަމައެއާއެކު މުސްލިމުންނަކީ ދުނިޔޭގެ ޢިލުމުގެ އަޙްލުން ކަމުގައި މިއަދު ސިފަ ވަމުންދާ ދިޔުން ފަޑު ވަމުން ދަނީ  ކީއްވެތޯ ބަލާލަންވެސް އެބަޖެހެވެ. ދުނިޔޭގެ ތާރީޚުޢިލުމު ވެރިންގެ ބަސްތަކުން އެގޭގޮތުގައި މުސްލިމުންވަނީ ޢިލުމުގެ ދުނިޔޭގައި ކުރިއަރާފައެވެ. ވިސްނާލަބައްލަވާށެވެ. ސްޕޭން މުސްލިމުންގެ ވެރިކަމުގެ ދަށަށް އައިސް އެތަނުގައި ޤާއިމުވި އިސްލާމީ ޙަޟާރަތަކީ ތާރީޚު ދުށް ކަމެކެވެ. މުސްލިމުން ފަޚުރު ވެރިވާފަދަ މިމަތިވެރިހަޟާރަތު މިއަދު ވަނީ ތާރީޚު ފަސްދީ ގޮސްކަމުގައި ވިޔަސް މުސްލިމު ޢިލްމުވެރިންނާއި ޣައިރު މުސްލިމުންވެސް މިކަމަށް އެއްބަސް ވެވޭ ފަދަ ޙަޟާރަތަކަށް ވެފައެވެ. މާނަކީ ދުނިޔޭގެ ތަރައްޤީގެ ވިދުވަރާއި ފަންވަރު އޮތީ މުސްލިމުންގެ އަތުގައިކަން ކަށަވަރު ކޮށްދީފައެވެ. އިބްނު ސީނާ ފަދަ ޢިލުމުވެރިންގެ ސަބަބުން އެތައް ކުރިއެރުމެއް މިއަދު ދުނިޔެ ދެކިފައިވެއެވެ.
އިސްލާމީ ތަރުބަވީ މަދަރުސާ އިން އުފެދިގެން އައި އެކިހުނަރުވެރިންގެ ވާހަކަ އަކީ ތިޔަ ލޮބުވެތި ދަރިވަރުންނަށް އާ ވާހަކަ އަކަށް ނުވާނެއެވެ. ދުނިޔޭގެ ތާރީޚު ޢިލްމުވެރިން އެސިޔާސީ ވަރުގަދަ ލީޑަރެއްގެ ގޮތުގައި ސިފަކުރައްވާ ޢުމަރު ބިން އަލްޚައްޠާބު ފަދަ އެތައް ދަރިންނެއް އެނަބަވީ ތަރުބަވީ މަދުރަސާއިން ނުފެނޭ ތޯއެވެ. ހަނގުރާމައިގެ އަސްކަރީ ހުނަރަށް ބައްލަވާލެއްވި ކަމުގައި ވިޔަސް ޚާލިދު ބިން ވަލީދު ފަދަ މުޖާހިދުންނަށްޓަކައި މި އިސްލާމީ އުއްމަތް ފަޚުރުވެރި ނުވޭތޯއެވެ. މިފަދަ އެތައް އެތައް ހުނަރުވެރިން ބައްލަވާ ލެއްވި ކޮންމެ ދިމާއަކުން ނުފެނޭތޯއެވެ. ކީރިތި ޤުރްއާނުގެ އައްލުޤްމާން ސޫރަތް ތަރުޖަމާ އާއެކު ކިޔަވާލި ކޮންމެ ދަރިވަރަކަށް ބަފައެއްގެ ފަރާތުން އަގުހުރި ނަސޭޙަތްތައް ލިބި ނުދޭތޯއެވެ. އަލްއިމާމު ނަސާއީ ފަދަ ޢިލުމުވެރިންގެ ޢިލުމު އުގެނުމަށް ޓަކައި ކުރެއްވި މަސައްކަތްތައް މިއަދު ފެންނަން އެބަހުރިމެއެވެ. ޢިލްމު ހޮދުމަށާއި އުގަންނާ ދިނުމަށް އެޒަމާނުގައި ކުރެވުނު މަސައްކަތަކީ މިއަދު ގެ ކިޔަވާކުދިންނާއި ބެލެނި ވެރިން އަދި މުދައްރިސުންގެ ލޯތަކުން ކަރުނަ ހިލިގެންދާފަދަ ހާދިޝާތަކަކަށް ނުވަނީތޯއެވެ.
ލޮބުވެތި ދަރިވަރުންނޭއެވެ. މިއަދު ތިޔަކުދިންގެ ހިތުގައި ވަރަށް މަތިވެރި ޢަޒުމު ތަކެއް ކަޑައަޅަން އެބަޖެހެއެވެ. ތިޔަކުދިންގެ ތަޢްލީމަށްޓަކައި މައިންބަފައިން އަތުން މިއަދުވެސް އެތައް ހޭދައެއް ކުރެވެމުންއެބަދެއެވެ. އުއްމީދުތަކެއް އެލޮބުވެތި މައިންބަފައިންގެ ހިތުގައި ވާނޭކަންކަށަވަރެވެ. އެ އުއްމިދުތައް ޙަޤީޤަތަކަށް ހަދާދިނުމުގެ ޢަޒުމު ކަޑައަޅާށެވެ. އަދި މަސްތުވާތަކެތިފަދަ ނުރައްކާތެރި ވަބާތަކުން ތިޔަ ކުދިންގެ ހިތާ ނަފުސް ސަލާމަތް ކުރުމަށްޓަކައި ވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާށެވެ. ތިޔަ ކުދިންގެ ތެރެއިން ރަށްފުށުގައި ތަޢްލީމު ޙާސިލު ކުރެވޭ ދަރިވަރުންގެ ޢަދަދު މިއަދު މަދުވަމުން ގޮސްފައި ވިޔަސް ތަޢްލީމު ޙާޞިލު ކުރުމުގެ ނިޔަތަކަށް ތަފާތު ތަކެއްއައިސްގެން ނުވާނެއެވެ. ތިޔަކުދިންނަކީ ޖަމާޢަތުގައި ނަމާދު ކުރާ ކުދިބަޔަކަށް ވަމާތޯއެވެ. ކީރިތި ރަސޫލު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެނަސްދެއްވި މަތިވެރި އަޚްލާޤުން ސިފަ ލިބިގަންނަ ބަޔަކަށް މިއަދު ތިޔަކުދިން ވާން އެބަޖެހެއެވެ. އޭރުން މާދަމާ މިރާއްޖެއާ އިސްލާމީ އުއްމަތް ތިޔަ ކުދިންނަށްޓަކައި ފަޚުރުވެރި ވާ ފަދަ ބަޔަކަށް ވެވޭނެކަން ކަށަވަރެވެ. ކޮންމެ ކިޔަވާކުއްޖަކަށްމެ ލިބިފައިވާ އެންމެ މަތިވެރި ނިޢްމަތަކީ ތިމާގެ ކުރިމަތިން ފަސްފަހަތަށް ދަތުރު ކުރާ ވަގުތުކަން ކަށަވަރެވެ. މިވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން އެބަޖެހެއެވެ. އަޅުގަޑުމެންނަކީ ޢުމުރު ހޭދަ ކުޅަ ގޮތހާއިމެދހު ޖަވާބުދާރީ ވާން ޖެހޭނެ ބައެއްކަން މިއަދު ޢަމަލީ ގޮތުން ޤަބޫލުކޮށް އެއާ އެއްގޮތަށް ޢަމަލު ކުރެވިއްޖެނަމަ ދެދުނިޔޭގެ ފަލާޙާއި ނަޞީބު އެދަރިވަރަކަށް މަރުހަބާ ނުކިޔާނެ އެއްވެސް ގޯޅިއަކަށް ތިޔަކުދިންނަކަށް ނުވަދެވޭނެއެވެ. ހަމައެއާއެކު މައިންބަފައިންނާއި މުދައްރިސުންގެ ބަސްއަހާ ކިޔަމަންތެރި ބަޔަކަށް ތިޔަކުދިން ވެއްޖެނަމަ ބިއްޖެހި ލައްވެގަނެގެން ތިބެ ޒުވާން ޢުމުރު ނަގާލާކަށް ނުޖެހޭނެއެވެ. ރަށުތެރޭގަ ހިގާ ވިޔާނުދާ ޢަމަލުތަކުގެ ޝިކާރައަކަށް ތިމާ ވަނީ އިބްލީހުގެ މަގުން ހިގޭތީއެވެ. ލަދުގަންނަން ޖެހި މިއަދު އެފަދަ ކުދިންގެ ސަބަބުން ކަރުނަ އަޅަނީ ކިތައް މަންމަ އާ ބައްޕަތޯއެވެ. އެފަދަ ކުދިންގެ ސަބަބުން އާއިލީ ހަމަނުޖެހުންތައް އުފެދި ކުރިލާން ވެފައިވަނީ ކިތައް ޢާއިލާގަތޯއެވެ. އެހެންކަމުން އިސްލާމީ ރިވެރި އުޞޫލުތަކުގައި ކޮންމެ ކުއްޖަކުވެސް ހިފަން އެބަޖެހެއެވެ. މުސްލިމު އުއްމަތަކީ އެންމެ ޒުވާން އުއްމަތެވެ. ޒުވާނުންނަށް ދުނިޔެ ސަމާލު ކުރުވީ މި އުއްމަތެވެ. އެޒަމާނުގައި ކުރެވުނު ހަނގުރާމަތަކުން އަސީރުންގެ ގޮތުގައި ޙައްޔަރުކުރެވޭ ބައެއްމީހުންގެ ފިދުޔަ އަކަށް މާތްނަބިއްޔާ ނަންގަވާފައިވާކަމަށް 10 ކުދިންނަށް ލިޔަން ކިޔަން ދަސްކޮށްދިނުން ފަދަ މުޖުތަމަޢްއަށް ފައިދާ ހުރި އެތައް ކަމެއް އެބަހުރި ދެއްތޯއެވެ. އެމާތްނަބިއްޔާ ސުވަރުގެ ވަޑައިގެން އާލާސް ކަންފުޅުގެ ދުވަސްވަރު ސާމުކަރައަށް ފޮނުއްވި ލަސްކަރުގެ ކޮމާންޑަރ އިން ޗީފުގެ މަޤާމު ދެއްވީ އަށާރަ އަހަރު ފުރިހަމަ ނުވާ އުސާމަތު ބިން ޒައިދު އަށެވެ. އެލަސްކަރުގައި ޞިއްދީޤުލް އަކްބަރު އަބީބަކުރު ބިން އަބޫ ޤުޙާފާ ، އަލްފާރޫޤު ޢުމަރު ބިން އަލްޚައްޠާބު ، ޝައިފުﷲ ޚާލިދު ބިން ވަލީދު ، ފަދަ ސަޙާބީންގެ މައްޗަށް ވެރިކުރައްވާފައެވެ. ތިޔަ ލޮބުވެތި ދަރިވަރުންނަށް މި އުއްމަތް ދީފާވާ މަޤާމަކީ އެހެން އެއްވެސް ތަނަކުން ލިބޭނެ މަޤާމެއް ނޫންކަން ތިޔަ ކުދިން ދަންނަ ހާލުގައި ތަޢްލީމީ ދައުރު ކަންޖޫސި ކޮށްނުލާށެވެ.
ލޮބުވެތި މުދައްރިސުންނަކީ ޢިލުމް އުގަންނާ ދިނުމުގެ މަތިވެރި ޒިންމާ އަދާ ކުރާ ތަރުބަވީ ދެވަނަ އަހުލުންނެވެ. މާނައަކީ މައިންބަފައިން ފިޔަވާ އެފަދަ ޒިންމާ އުފުލާ ދެވަނަ ފަރާތަކީ އެދުރުންނެވެ. ޢިލުމު އުގަންނާ ދިނުމަކީ ޢަދުލު ވެރި ވާންޖެހޭނެ ކަމެކެވެ. ހަމަހަމަ ކަމާއި އެކު ޢިލުމު ފޯރުކޮށް ދެވިއްޖެ ކޮންމެ އެދުރަކީ ހާދަ މާތް ކަމެއްގެ ވެރިއެކެވެ. އެދުރު މީހާގެ ރުޅިވެރިކަމުން ދަރިވަރުން ސަލާމަތް ކުރެވިއްޖެ ކޮންމެ އެދުރަކީ ފަޚުރުވެރި ވާފަދަ އެދުރެކެވެ. އޭނާ ބެލެނިވެރިންނާއި ދަރިވަރުންގެ ލޯބި ހޯދިއްޖެކަމުގެ އުފާ ހާޞިލު ކުރާނެއެވެ. ކިޔަވާކުއްޖަކަށް ހުރި އެންމެ ނުރައްކާތެރި ކަމަކީ އެދުރު މީހާގެ ރުޅިއެވެ. އެހެންކަމުން ތިޔަލޮބުވެތި މުދައްރިސުންނާއި ސްކޫލުތަކުގެ ވެރިންނަކީ އިސްލާމީ އަޚްލާޤުން ޖަރީވެ ނަމޫނާ ބަޔަކަށް ވާންއެބަޖެހެއެވެ. ޖަމާޢަތުގެ ނަމާދުތަކަށް ހަމައެކަނި ރޯދަ މަހު އިސްކަން ނުދެއްވާށެވެ. ރޮދަ މަހުގެ ކުރިންވެސް އަދި ފަހުންވެސް ތިބާމަރުވެދާނެކަން ދަނެގެން މިފަދަ ޥާޖިބުތައް އަދާކުރެއްވުން ކަށީގައި އަށަގަންނަވަން ޖެހޭ މުދައްރިސުންނަކީ ކޮންމެ މާޙައުލެއްގައިމެ އުޅޭ ބައެއްކަން ދަނެ މިޢަދަދު މަދު ކުރެވޭތޯ މުދައްރިސުން ބަލަން އެބަޖެހެއެވެ. ޙަޤިޤަތުގައި ގިނަ ބޭފުޅުންނަކީ ރަގަޅު ބޭފުޅުންކަން އަޅުގަޑުވެސް ފާހަކަ ކުރަމެވެ. އެހެންނަމަވެސް މަދު ޢަދަދަށް އިތުރުވިޔަ ނުދީ ވޭތޯ ކޮންމެ ބޭފުޅަކުވެސް ބައްލަވަން އެބަޖެހޭ ދެއްތޯއެވެ. އަޅުގަޑު މިއަދު ލޮބުވެތި މުދައްރިސުންނަށް ދަންނަވާލާނީ ތިޔަ ގިންތީ އަކީ ފަޚްރުވެރި ގިންތީއެކެވެ. މާތްކަން ލިބިފައިވާ ގިންތީއެކެވެ. އެހެންކަމުން ތިޔަބޭފުޅުންގެ ޥާޖިބު އަދާކުރުމުގައި ޘާބިތު ވެ ތިއްބަވާށެވެ. ތިޔަ ގިންތީއަކީ މުޖުތަމަޢްގެ ނުރުހުންތެރިކަންވެސް ލިބޭނެ ގިންތިއެއްކަން ދަނެގެން މަސައްކަތްކުރެވިއްޖެނަމަ ކާމިޔާބު ވާނެކަން ކަށަވަރެވެ. ކުއްޖާގެ ފުރާނައިގެ ކާނާ އަކީ ތިޔަ މުދައްރިސުން ދެއްވާ އަގުހުރި ދަރުސްތަކާއި ދައްކަވާ ނަމޫނާކަން ކުޑަހިނދުކޮޅަކަށްވެސް ހަނދާނުން ކައްސާނުލާށެވެ.
މައިން ބަފައިންނަކީ ތަރުބަވީ މައިދާނުގައި އެންމެ އިސްފަރާތެވެ. ކުއްޖާ ވަކިކަހަލަ ކުއްޖަކަށް ބައްޓަން ވުމުގައި އެންމެ އިސްދައުރެއް އަދާކުރާ ފަރާތެވެ. ދަރިން ދުނިޔެއަށް އަންނަ ހިނދުން ފެށިގެން ކުއްޖާ ޙަޔާތަކަށް ފަށަންދެންވެސް އަދި އޭގެ ފަހުގަ ކާފަ ނުވަތަ މާމަ ކިޔަންދެންވެސް ކުއްޖާގެ ކަންކަން ބެލެހެއްޓުމުގައި މައިންބަފައިން އަދާކުރާ ދައުރު ވަރަށް ބޮޑެވެ. އެހެންކަމުން ކުއްޖާއަށް ހެޔޮ ތަރުބިއްޔަތެއް ދިނުމީ އިސްލާމްދީން ގޮވާލާ ވާޖިބު ކުރައްވާފައިވާ ކަމެކެވެ. ތިމާގެ ދަރިންނާއި މެދު ހަމަހަމަ އުޞޫލެއް ގެންގުޅެން އެބަޖެހެވެ. ވެރިންނަށާއި މުދައްރިސުންނަށް އަދި ތިމާއަށް ވުރެ ބޮޑެތި މީހުންނަށް އިޙްތިރާމު ކުރަން ދަސްކޮށްދޭން އެބަޖެހެއެވެ. ކުޑަކުދިންނަށް އޯގާވެރިވާން ދަސްކޮށްދޭން އެބަޖެހެއެވެ. މައިންބަފައިންނަކީ މުދައްރިސުންނާއި ވެރިންގެ ކަންހުރި ގޮތުގެ ވާހަކަ ދަރިވަރުންގެ މަޖްލިސް ތަކުގައި ދައްކާބަޔަކަށް ނުވަމާތޯއެވެ. ގޭތެރޭގައިވިޔަސް ބޭރުތެރޭގައިވިޔަސް ތިޔަ ގިންތީގެ ފަރާތުން ދަރިވަރުންނަށް ނަމޫނާ ދައްކަންއެބަޖެހެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައެވެ. ނަމާދާއި އެހެނިހެން އަޅުކަންތަކަށް ކުއްޖާ ހާނުވަން އެބަޖެހެވެ. ދުނިޔެއާ ދުނިޔޭގެ ވާހާ އެއްޗަކަށްވުރެ އަގުހުރި ދެރަކްޢަތް ( ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެރަކްޢަތް ) ކުރުމަށް ބާރުއަޅާ ބަޔަކަށް މައިންބަފައިން ވާންއެބަޖެހެވެ. އަންހެންކުދިންގެ ތަރުބިއްޔަތަށް ހާއްޞަ ސަމާލު ކަމެއް ދޭން އެބަޖެހެވެ. ތިމާގެ ދަރިންނަކީ ކުށްކުރާ ބަޔަކަށް ވާޙާލުގައި އެކަންކަން ހައްލުކުރުމަށް އެކުދިންނަކީ ކުށުން ބަރީއަ ވެގެންވާ ބަޔަކަށް އެކުދިންގެ ކުރިމަތީގައި ހައްދަވައިފިނަމަ މިކަމުގެ ހިތާމަ ޢުމުރުގެ ބޮޑުބައެއްގައި ހޭދަ ވާނޭކަން ދަންނަން އެބަޖެހެވެ. ދަރިން ދުންފަތާއި މަސްތުވާތަކެތީގެ ސިކާރަ އަކަށް ވިޔަ ނުދެއްވުމަށް މަސައްކަތް ކުރަން އެބަޖެހެވެ. ދަރިންނަށް ރީތި ބަހުން މުޚާޠަބު ކުރަން ދަސްކޮށްދޭން އެބަޖެހެވެ. އެހެންކަމުން މިފަދަ ކޮންމެ ކަމެއްގައި މެ ދަރިންނަށް މައިންބަފައިން ނަމޫނާ ދައްކަންޖެހެވެ.
އާނއެކެވެ. މި ދިރާސީ އަހަރަށް އިރު އަރައިގެން އައި ހިނދު އިސްލާޙް ކުރަންޖެހޭ ހާދަ ބައިވަރު ކަންކަން ހުންނާނެތާއެވެ. މިސާލަކަށް ތަޢލީމީ ކަންކަމެވެ. ކޮންމެ ސިޔާސީ ޕޯޑިއަމަކުން އިވެނީ ރާއްޖޭގެ ރަށްތަކުގެ ތަރައްޤީގެ ވާހަކައެވެ. އެއްފަސްވަމުންދަނީ މާލެއެވެ. އަވައްތައް އިތުރުވަނީ މާލޭގައެވެ. ތޮއްޖެހެމުންދަނީ މާލެއެވެ. ކިއްވެގެން މިދިވެހިން އަބަދުވެސް ދަނެއެވެ. އެކަމަކު ޙައްލު އަދި ވެސް އޮތީ ހުވަފެނެއްގެ ތެރޭގައި ކަހަލައެވެ. އަޅުގަޑުއެދެނީ މިޤައުމުގެ ހުރިހާކަމެއްވެސް ރަގަޅު ބަދަލުތަކެއް އައުމުގެ ތަޥްފީޤު ކީރިތި ﷲ މިދިވެހި އުއްމަތަށް މިންވަރު ކުރެއްވުމެވެ. މިފެށުނު ދިރާސީ އަހަރުން މާލެއަށް ހިޖުރަ ކުރި ދިވެހިން ރާއްޖޭގެ އެކިސަރަޙައްދުގައި ތިބެ ތަޢްލީމު ޙާޞިލު ކުރުމުގެ ފުރުސަތު ލިއްބާދެވޭފަދަ ޤާބިލު ބައެއްކަމުގައި ދިވެހިން ވުމެވެ. މިއަދު ގެ ހާލަތަކީ މާލޭގެ ބިންވެރިންގެ ޖީބުތައް ބޮޑުވުންނޫން އެހެން ކޮންކަމެއްބާވައެވެ.
މާތްﷲ އަޅުގަޑުމެންގެ ދަރިވަރުންނަށް އުފާވެރި އަހަރަކަށް މިއަހަރު މިންވަރު ކުރައްވާށިއެވެ. ދިރާސީ އާ އަހަރަކަށް އިރު އަރައިގެން އައި ހިނދު ، މައިންބަފައިންނާއި ބެލެނިވެރިން އުއްމީދު ކުރި ފަދަ ބާއްޖަވެރިކަމެއް އެވެރިންނަށާއި އެދުރުންނަށް ދެއްވާށިއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.