ކޮންމެ އަހަރަކުވެސް މިދުވަސްވަރު ތުޅާދޫ ކައުންސިލުން ތުޅާދޫގެ އޮޑިވެރިންނަށާއި މަސްވެރިންނަށް އަދި މަހުގެ ވިޔަފާރި ކުރައްވާފަރާތްތަކަށް ރަށުގެ ގޮޑުދޮށަށް ކަރުގޮހޮރު ލައްނުވާނެހާ ދުރަށް ( 50 ފޫޓު ބޭރަށް ) އުކުމަށް އިލްތިމާސް ކުރައްވައެވެ. އެގޮތުން މިއަހަރުގެ މިދުވަސްވަރުވެސް އެކައުންސިލުން އެގޮތަށް ޢަމަލު ކޮށް އޭގެއިތުރުން މަސްކަރުއަޅާ ސަރަޙައްދު ގައި ބޯޑުވެސް ބެހެއްޓިއެވެ. ނަމަވެސް މިކަންކަމަށް އެންމެ އެދެވޭ ޙައްލެއް ނައެވެ.
އަޅުގަޑު އަބަދުވެސް ދަންނަވާހެން އަޅުގަޑުމެންގެ މިރަށުގެ ކަންކަން ރަގަޅުކުރުމަށްޓަކައި ރައްޔަތުން ޢަރާމުގައި ބައިތިއްބާފައި ، ވެރިން ފިނިކޮޓަރީގައި ބައިތިއްބާ މަޑުތަންމަތީގައި ނިންދަވާފައި ކަސަބުލަންކާއަކުން ބަޔަކު ނާންނާނެ ދެއްތޯއެވެ. ތަރައްޤީއާ ތަހުޒީބުގައި އަތުހިފަން އަޅުގަޑުމެން އެބަޖެހެއެވެ. އަޅުގަޑުމެންނަށްވުރެ އާބާދީ ކުދި ކުދި ރަށްރަށް ތަރައްޤީގައި އަޅުގަޑުމެންނަށްވުރެ މާކުރިއަރާ ގޮސްފައިވަނީ ކީއްވެގެންތޯ ވިސްނާލަން އެބަޖެހެއެވެ.
ދާދި ފަހުން ތުޅާދޫ ކައުންސިލުން ތުޅާދޫގެ މަސްވެރިން ބާނާމަހުގެ ކަރު ގޮހޮރުތައް އެމީހުން ގޮނޑުދޮށުގައި ބަހައްޓާފައި ގެއަށް ވަޑައިގަތުމުން އުކާލަދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރެއްވި އަޑު އިވިގެން ދިޔައެވެ. ނަމަވެސް މިއިޢުލާނަކަށް ޢަމަލެއްނުކުރައްވައެވެ. އިޢުލާނެއް ޑްރާފްޓް ކުރައްފާފައި ޢާއްމު ކުރެއްވުމުގެ ކުރިން މިކަމުގެ މަސްލަޙަތު އެކުލެވެނީ ކިހާވަރަކަށްތޯ ބައްލަވާނަމަ ، ތުޅާދޫ ކައުންސިލުގައި ރައްޔަތުންގެ ލޯބި ހޯދައި ނުގަނެވޭވަރުގެ ހަމަ އެކަކުވެސް ނެތެވެ. މައްސަލައަކީ ހަވާނަފުސް ދައްކާހައި ގޮތަކަށް ކަންކުރުމުގެ ވިސްނުން ގެންގުޅުމެވެ. މަސްވަރާގެ އުޞޫލާ ދުރަށް ދެވޭދިޔުމެވެ. ކީރިތި ރަސޫލުމުޙައްމަދުޞައްލަﷲޢަލައިހި ވައްސަލަމް ރައްޔިތުންނާއި މަސްވަރާ ނުކުރައްވާ ކަމެއް ދައްކަވަބައްލަވާށެވެ. މިޒަމާނުގެ މި ޑިމަކުރަސީގެ ޙަޤީޤީ މޭސްތިރި ޚަލީފާ ޢުމަރުބިންއަލްޚައްޠާބު މަސްވަރާ ލިބިގެންފައިވަނީ އެމަނިކުފާނަށް ތާއީދު ކުރައްވައި ބޭފުޅުންގެ އަރިހުން އެކަނިތޯ އެމަނިކުފާނުގެ ސީރަތު ކުޑައިރުކޮޅަކަށްވިޔަސް ދިރާސާ ކޮށްލަވަބައްލަވާށެވެ. ތުޅާދޫ ކައުންސިލުން ކުރައްވަން ނިންމަވައި ބައެއްކަންކަން ދޫކޮށްލުން އެއީ އެބޭފުޅުންގެ ނަޞީބެވެ. މާދަމާ ވޯޓުގެ ނާށިގަޑު އަތަށްލައްވައިގެން ވަޑައިގަތުމަށް ގަސްދުކުރައްވައި ވެރިންގެ ނަޞީބޭ އަޅުގަޑުމިދަންނަވަނީ މިއަދު ވާން ބޭނުންނުވާ އިސްލާޙެއްގެ ރަހަޔަށް ނޭދުމަށް ގޮވާލަމުންނެވެ.
ތުޅާދޫގެ މަސައްކަތްތެރިންތިބީ އަޅުގަޑު މިދެންނެވި އިޢުލާނަށް ކައުންސިލުން ޢަމަލު ކުރައްވާނެ ގޮތަކާއިމެދު ހޭއަރައެވެ. ވިޔަފާރިއެއް ވިޔަސް ، އާމްދަނީ ހޯދުމަށް ކޮންމެވެސް މަސައްކަތެއް ނުކުރާމީހަކު ތުޅާދުގައި މަދުވާނެއެވެ. ވަކިގޮތަކަށް ވަކިބަޔަކާއިމެދު ކަންކުރަން ނިންމި އިރު ހަމަ އެފަދަ ޙައްޤުތަކެއް ޙިއްޞާ ކުރަންޖެހޭނެ ބަޔަކު ތިބިކަންވެސް ހަނދާން ކުރަންޖެހޭނެ އެވެ.
މާތްﷲ ތުޅާދޫ ކައުންސިލުގެ މެމްބަރުންނަށް ހެޔޮވިސްނުން މިންވަރު ކުރައްވާށިއެވެ. ގުލްޒާރުގައިނަޔާ ނޫރާނީމާ ފޮޅޭފޮޅުމަކީ ކޮބާކަން ދެނެގަތުމުގެ ވިސްނުން ހެޔޮގޮތުގައި އަތުހިފުމުގެ ތަޥްފީޤު ދެއްވާށިއެވެ.