ޒުވާނުންގެ ދުވަހުގެ ހެތޮއެދުންތައް ތުޅާދޫ މަލައިގެ އަހްލުވެރިންނަށާއި ރާއްޖޭގެ އެންމެހާ ރައްޔަތުންނަށް ރައްދުކުރަމެވެ. ތުޅާދޫ މަލައިގެ ކުޅިވަރު ކޮލަމުގެ ޚާއްޞަ މެހެމާނުގެ ގޮޑި ހުސްވެފައިވާތާ ދުވަސްތަކަކަށް ފަހު ، މިއަދު މިމަލައިގެ އަހްލުންނަށް މުޅިންއާ މެހެމާނަކާއި އެކު ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ލިބިދީފިއެވެ. ތުޅާދޫ މަލައިގެ ކުޅިވަރު ކޮލަމުގެ މިފަހަރުގެ ތަރިއަކީ ނުވަތަ މެހެމާނަކީ ތުޅާދޫގެ ޒުވާނުންގެ ތެރެއިން ފާހަކަކޮށްލުން ޙައްޤު ޒުވާނެކެވެ. އަޚްލާޤީ ގޮތުން މަޑުމައިތިރި ، ބަސްމަދު ޒުވާނެކެވެ. އޭނާއަށްވުރެ ބޮޑެތިމީހުންގެ ކުރިމަތީގައި އިސްވެ ބަސްބުނެނޫޅޭ ، ކުޑަކުދިންދެކެ އިންތިހާއަށް ލޯބިވާ ޒުވާނެކެވެ. ތުޅާދޫ ދުށް މޮލު ފުޓްބޯޅަ ކުޅުންތެރިއެކެވެ. ޒަވާޖީ ޙަޔާތެއް ފެށުމަށް ތައްޔާރުވަމުންދާ އާދައިގެ އިސްކޮޅެއް ލިބިފައިވާ ފަތިހަށި ޒުވާނެކެވެ. މިހާރު މިޒުވާނާ ކުޅެމުންދަނީ ކުލަބު ވިއެންސިއާ އަށެވެ.
ބ.ތުޅާދޫ ސަމަންދަރު އަލްފާޟިލް ޢަބްދުއްރަޙިމް މުޙައްމަދަށާއި އޭނާގެ އަނބި އަލްމަރްޙޫމާ ފާޠިމަތު އަޙްމަދު އަށް ލިބިފައިވާ 05 ކުދިންގެ ތެރެއިން އެންމެ ހަގަށް ހުރި އަޙްމަދު ޝާން ( ޕެލޭ ) އަކީ ވަރަށް މަޑުމައިތިރި އަޚްލާޤްރަގަޅު ޒުވާނެކޭ ދެންނެވުން ކުށަކަށްވާނަމަ ، ނިހާޔަތަށް މާފަށްއެދެމެވެ. ޝާންއަކީ ގްރޭޑް 03 އަކުން ފެށިގެން އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުން ތުޅާދޫސްކޫލުން ވިދާލި ކުޅުންތެރިއެކެވެ. އެންމެ ކުޑައިރުއްސުރެ މިޒުވާނާ ފުޓްބޯޅައަށް ޝައުޤުވެރިވިއެވެ. ބެލުންތެރިން ބަލާހިތްވާފަދަ ހިތްގައިމު ކުޅުމެއް ތުއްތު އިރުއްސުރެ ފަށައިގެން ދައްކަމުންއަންނަ މިޒުވާނާއަކީ ތުޅާދޫ ޔަންގްއީގަލްގެ ފުރާނައެވެ. މީނާ ވަނީ ތުޅާދޫ ޔަންގްއީގަލްސްގެ މެޗުތަކުގައި އެތައް ފަހަރަށްވުރެ ގިނަފަހަރު މޮލުކުލުމެއް ކުޅެފުޓްބޯޅައިން ރަށުފެންވަރުގައާއި ސްކޫލު ގެ އިންޓަރ ހައުސްގައިވެސް އެތައްކާމިޔާބެއް ޙާޞިލުކޮށްފައެވެ.
ހާހާނުވަސައްތަ އެކާނަވާ ވަނައަހަރުގެ އޮކްޓޯބަރ މަހުގެ ނަވާވީސް ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދުށް މިޒުވާނާ ބުނާގޮތުން ކުރީގެ ކުޅުންތެރިންގެ ތެރެއިން ވަރަށްމަދު ބައެއްގެ ކުޅުން އޭނާއަށް ފެނިފައިވުމުން އޭނާއަށް ފެނުނު ކުޅުންތެރިންގެ ތެރެއިން އެންމެރަގަޅުކަމަށް އޭނާބުނީ ދޮންމޫ އާއި ނާޞިޙް އަދި އިބްރާހީމް ރަޝީދުގެ ކުޅުން ފާހަކަކޮށްލެވޭކަމަށެވެ. ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން ދަނގަޑެއަށް ސަޕޯޓްކުރާ ޝާން ތުޅާދޫއިން އެންމެ ދެކެންބޭނުންވަނީ ރަށުގައި 11 ގެ ފުޓްބޯޅަ ކުޅެ ، ރަށަށް ރީތި ޤައުމީ ފެންވަރުގައި ހޯދޭނެ ދުވަސް ކަމަށް އޭނާބުނެއެވެ. ރާއްޖޭން ބޭރުން އޭނާއަށް އެންމެކަމުދަނީ ކުރިސްޓިއާނޯ ރޮނާލްޑޯގެ ކުޅުމެވެ. މިހާރު ތުޅާދޫއިން އަރަމުންއަންނަ ކުޅުންތެރިންގެ ތެރެއިން އޭނާގެ އެންމެ އެކުވެރި އިންޓޭގެ ކުޅުން އޭނާފާހަކަކުރިއެވެ. އަދި ރައިޙާން އާ ރަފްޙާންގެ ކުޅުން އޭނާއަށް ވަރަށް ކަމުދެއެވެ. އަދިއޭނާ މިހާރު ބޭނުންވަނީ ރާއްޖޭގެ އެންމެ މަޝްހޫރު ކުލަބަކުން ފުރުޞަތެއް ހޯދުންކަމަށް ޝާން ބުންޏެވެ.
އެންމެން ގުޅިގެން ރަށަށް ރީތި ނަން ހޯދާދިނުމަށް އެދިއެދި ހުރިކަމަށް ބުނަމުންދާ ޝާން ކުރާ ގޮތުގައި މިއަދު އެނާއަކީ ތުޅާދޫގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާއެއްނޫނެވެ. އެހެންނަމަވެސް ތުޅާދޫގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަމީހުން ދެކޭގޮތުގައި އެނާގެ ކުޅުމަކީ ވަރަށް ގަޔާވާ ކުޅުމެކެވެ. އަދި ފުޓްބޯޅަ މެޗުތަކުގައި އޭނާ އުފައްދާ ޙަމަލާތަކަކީ ގޯލަށް ނުރައްކާތެރި ، ބެޗުގައި ހުންނަ އިދިކޮޅު ޓީމުގެ ކޯޗުގެ ރޭވުން ފެނަށް ދުއްވާލާފަދަ ޙަމަލާތަކެކެވެ.
ތުޅާދޫގެ ފުޓްބޯޅައިގެ ދުވެލީގައި ނާޞިޙް މުބާރާތް ކުޅުން ހުއްޓާލި ވާހަކަ ބުނުމުން ޝާން ބުނީ " އެއީ ވަރަށްމޮޅު ކުޅުންތެރިއެއް ... އޭނާ ފުޓްބޯޅައިގެ ދާއިރާއިން ފެނުމަކީ އަހަރެން ވަރަށް އެދޭކަމެއް .... ޙަޤިޤަތުގައި މުބާރާތް ކުޅުން ހުއްޓާލީ އޭނާގެ ދަރިފުޅާއެކު އެއްޓީމަކަށްކުޅެ ތަށިވެސް ކަށަވަރު ކޮށްފައި ... މުބާރާތް ނުކުޅުނަސް ނާޞިޙް ފުޓްބޯޅައާ ވަތްކެއްނުވާނެ ... " އެވެ.
ތުޅާދޫ މަލައާ ވަކިވެލަމުން ޒުވާނުންނަށް އޭނާބުނަނީ އެންމެން ގުޅިގެން ރަށަށް ރީތި ނަން ހޯދާ ދިނުމުގައި މަސައްކަތްކުރާށޭއެވެ. އަދި ތުޅާދޫގެ ޚަބަރުތައް ފަތުރާ ދިނުމުގައި އެކަނިމާއެކަނި ތިޔަކުރައްވާ މަސައްކަތަށް އިބްރާހިމް މުޙައްމަދު މަޓޭއަށް ހަމަސާބަހޭއެވެ. އަދި މަލައިން މިފަދަ ފުރުޞަތެއް އަޅުގަޑަށް ދެއްވީތީވެ ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.
ތުޅާދޫ މަލައާއި މެދު ތިޔަވިދާޅުވި އިޚްލާޞްތެރި ބަސްފުޅަށް މަލައިގެ އެޑިޓޯރިއަލް އިންތިހާއަށް ޝާންއަށް ޝުކުރުވެރިވެއެވެ. ޒުވާނުންގެދުވަހު މިގެނަސްދެވުނު ތަރިއަކީ ތުޅާދޫގެ ޒުވާނުންގެ ލޯތްބާއި އިޙްތިރާމް ލިބޭފަދަ ރީތި ކުޅުމެއްގެ ވެރި މެހެމާނަކަށް ވިކަން ޔަޤީންކުރަމުން މަލައިގެ އަހްލުވެރިން ޝާންއާއެކު ތިޔަހޭދަކޮށްލި ވަގުތު ކޮޅަށް ޝުކުރުގެހާރުތަކެއް އަމުނަމުން މިހިނދަށް ގަލަމުގައި ދޯރި އަލުވާލަނީ އެހެންތަރިއަކާއެކު އަވަސް ކުރިމަގެއްގައި ބައްދަލުކުރުމުގެ އުއްމީދުގައެވެ.